ޚަބަރު

ވުލްވްސް ބަލިކޮށް ލިވަޕޫލުން ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ހޯދައިފި އެވެ.

ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ 25 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލުގެ ކުރި ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 53 ޕޮއިންޓެވެ.

އެވަޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ކޯޗު އާން ސްލޮޓް އާއި އެސިސްޓެންޓް ކޯޗަށް ރަތް ކާޑު ދައްކާފައިވީ ނަމަވެސް އެ ދެ މީހުންވެސް ތިބީ ލިވަޕޫލްގެ ބެންޗުގަ އެވެ. އަދި އިނގިރޭސި އެފްއޭ އިން އެ މައްސަލަ ބަލަމުންދާއިރު އަންނަ ބުދަ ދުވަހުގެ ކުރިން އެކަމަށް ޖަވާބުދާރީ ވުމަށް ސްލޮޓަށް ވަނީ އަންގާފަ އެވެ.

ލިވަޕޫލް އިން ރަގަޅު ކުޅޫމެއް ދައްކާފައިވާ މި މެޗުގެ 15 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލުއިޒް ޑިއާޒް އެވެ. މިއީ ކޮލަމްބިއާގެ ފޯވަޑް ޑިއާޒް އަށް ލަނޑެއް ނުޖެހި 10 މެޗު ކުޅުމަށްފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

އަދި މެޗުގެ 37 ވަނަ މިނިޓުގައި ލުއިޒް ޑިއާޒް އަށް ވޮލްވްސްގެ ކީޕަރު ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ ޕްރިމިއާ ލީގުގައި އެންފީލްޑްގައި އޭނާ ޖެހި 101 ވަނަ ލަނޑެވެ.

މި މެޗުގައި ވުލްވްސް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 67 ވަނަ މިނިޓުގައި މަތިއުސް ކޫނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެވަނަ ހާފުގައިވެސް ލިވަޕޫލްގެ ޑިއެގޯ ޖޮޓާ އަށް ފައުލް ކުރިކަމަށް ބަލާ ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. މި މެޗުގައި ޑިއެގޯ ޖޮޓާ އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތްވަނީ ނުވެފަ އެވެ.

20 ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލް އިން މަސައްކަތް ކުރަމުންދާއިރު އަންނަ ބުރާސްފަތި ދުވަހު އެސްޓަން ވިލާ އާއި ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލް ކުޅޭ މެޗުން އެ ޓީމަށް ތިން ޕޮއިންޓް ލިބިއްޖެނަމަ ޕްރިމިއާ ލީގު ހޯދުމަށް އެ ޓީމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.