މި ދުވަސްވަރު އެންމެ ބާރަށް އިވޭ ވާހަކަ އަކީ ސްޕެއިންގެ ރެއާލް މެޑްރިޑް ސްޕެނިޝް ލީގުން ވަކިވާނެ ވާހަކަ އެވެ. ލީގުގައި ރެފުރީކަން ކުރާ ރެފުރީންނާ މެދު ހިތްހަމަނުޖެހިގެންނެވެ.
ވާދަވެރި ބާސެލޯނާއިން މީގެ އަހަރުތަކެއް ކުރިން ރެފްރީންނަށް ރިޝްވަތު ދީގެން ނަތީޖާ ބަދަލުކުރުވި ކަމަށް ބުނެ އެ މައްސަލަ ބޮޑުކޮށްލި ރެއާލް ވެސް މިހާރު އޮތީ ރެފްރީންނާމެދު ހިތްހަމަ ނުޖެހިފަ އެވެ. ދާދި ފަހުން އެކުލަބުގެ ކުޅުންތެރިންނަށް އެކި މެޗުތައް ދެއްކި ކުލަކުލައިގެ ކާޑުތަކާހެދި އެވެ. އެކި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ރެއާލް އަށް ރެފްރީންގެ އެހީތެރިކަން ނުލިބޭކަމުގެ ޝަކުވާތަކާހެދި އެވެ.
މިއާއެކު މިހާރު އިވެމުންދަނީ ސްޕެނިޝް ލީގުން ވަކިވެ ކޮންމެވެސް އެހެން ލީގެއްގައި ކުޅެން ރެއާލް މެޑްރިޑް ވިސްނަމުންދާ ވާހަކަ އެވެ. ސްޕޭނާއި ޔޫރަޕުގެ އެންމެ ކާމިޔާބު ޓީމުން މިކަން ކޮށްފިނަމަ އެކަންވާނީ ސްޕެނިޝް ލީގަށް އެތައް ގޮތަކުން ލިބޭނެ ގެއްލުމަކަށެވެ.
މިހެންވެ ސްޕޭނުގެ ނޫސްވެރިންނާއި މީޑިއާތަކުން މި ސުވާލު ކުރީ ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓެބާސް އަށެވެ. އޭނާ ޖަވާބު ވަރަށް ސާފެވެ. ޓެބާސް ބުނަނީ ރެއާލް މެޑްރިޑުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ސްޕެނިޝް ލީގު ދޫކޮށްފައި އެކުލަބުން ނުދާނެ ކަމަށެވެ. ރެފްރީންނާމެދު ރެއާލްއިން ހުށަހެޅި މައްސަލަތަކާއި ކަންބޮޑުވުންތަކަށް ތާއީދު ނުލިބި އެކުލަބު އެކަނިވުމުން މިހާރު އެ ދައްކަނީ މީހުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ކަހަލަ ވާހަކައެކެވެ.
"އެމީހުން އެ ހަދަނީ ދޮގު. އެމީހުން ސްޕެނިޝް ލީގަކުން ވައްކެއް ނުވާނެ. ވަކިވެގެން އެމީހުން ދާނީ ވަކި ކޮންތާކަށް. ސްޕޭންގެ ގަވާއިދުތަކާއި ގާނޫނުތަކެއް އެބައޮތް. އޭގައި އެބަ ބުނޭ ސްޕޭނުގެ ކުލަބުތައް ކުޅޭނީ ސްޕޭނުގައި ހިންގާ މުބާރާތްތަކުގައި ކަމަށް،" ޓެބާސް ބުންޏެވެ.
އޭނާ ބުނީ ރެފްރީންގެ މައްސަލައަކީ އަބަދުވެސް އޮންނަ މައްސަލައެއް ކަމަށެވެ. އެކި ފަހަރު މި މައްސަލަ ފެންމަތި ކުރަނީ އެކި ކުލަބުތަކުން ކަމަށެވެ.
"ބާސެލޯނާގެ ނެގްރެއިރާ މައްސަލަ ހުށަހެޅުމުން ވެސް ރެފްރީންގެ ކަންކަން އިސްލާހު ކުރަން ކުލަބުތަކުން ވާހަކަ ދެއްކި. މި ފަހަރު ރެއާލް މެޑްރިޑުން މައްސަލަ ޖެއްސީމަ ވެސް އެކަންކަން އޮޅުން ފިލުވައި ރެފްރީންގެ ކަންކަން ހަރުދަނާ ކުރަން ކުލަބުތަކުން ބައްދަލުކުރި. ތަފާތަކީ މިފަހަރު މި މައްސަލަ އަށް ރެއާލް މެޑްރިޑް ހާޒިރު ނުވުން. ބާސެލޯނާއާ ދެކޮޅަށް އެފަހަރު ހުށަހެޅުނު މައްސަލަ އަށް އެމީހުން ހާޒިރުވެ ވާހަކަ ދެއްކި. ރެއާލް އަށް މި ފަހަރު މިވީ ގޮތަކީ އެމީހުން ޖެއްސި މައްސަލައިގައި އެމީހުން އެކަނިވީ. ރެފްރީންގެ މާބޮޑު ގޯސްތަކެއް ނުފެނުނު. ދެން މި ޒާތުގެ މައްސަލަތައް ފެންމަތިކުރާ ވަރަކަށް ލީގުގެ އަގު ވެއްޓޭނީ،" ޓެބާސް ބުންޏެވެ.
އޭނާ ބުނީ ސްޕޭނުގެ ފުޓްބޯޅަގެ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.