ޚަބަރު

ބޭނުންވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ރޭންޖެއް: ޔޫހާ


ތަމްރީނުތައް ފުރިހަމަކުރުމަށް ބޭނުންވަނީ އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ރޭންޖެއް ކަމަށް އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ވާދަކޮށް ޤައުމީ ރިކޯޑެއް ހެދި އައިޝަތު ޔޫހާ އިމްތިޔާޒު ބުނެފިއެވެ. ޔޫހާ މިހެން ބުނެފަވަނީ ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ.

"ދިވެހިރާއްޖޭގައި އިންނަ ރޭންޖަކީ ވަރަށް ކުޑަކުޑަ ރޭންޖެއް. އެކޮޅަށް ދިޔައިމަ މި ފެނުނީ ވަރަށް ބޮޑު ރޭންޖެއް. 60 ވަރަކަށް ލޭންސް އިން. މާލޭގައި މި އިންނަނީ ހަތަރު ލޭން. ދެން އެދަތިކަން އާދޭ. އެތަނުގެ ލައިޓިންވެސް ތަފާތު. ލިބޭ ޑިސްޓެންސްވެސް ތަފާތު" ޝޫޓިން މުބާރާތައްފަހު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުރެ ޕީ.އެސް.އެމް ނިވްސް އާއި ވާހަކަ ދައްކަމުން ޔޫހާ ބުންޏެވެ.
"އިންޓަނޭޝަނަލް މުބާރާތްތަކަށް ދިއުމުން މި ސްޕޭސް ލިބޭ"، ޖާގައިގެ ސަބަބަން ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ޔޫހާ ބުންޏެވެ.

އަދި މި ކުޅިވަރުގައި އިތުރު ކާމިޔާބީތަކަށް ވާސިލްވުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ޖާގަ ތަނަވަސް އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ރޭންޖެއްކަމަށް ވެސް ޔޫހާ ބުންޏެވެ. މިކަން ހަމަޖެހިއްޖެ ނަމަ އެންމެ އެދެވޭ ގޮތުގައި ތަމްރީނުތައް ފުރިހަމަކުރެވިގެންދާނެ ކަމަށްވެސް ޔޫހާ ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގައި ތަމްރީނު ހެދުމަށް ބޭނުންކުރާ ރޭންޖް ކުޑަވުމުގެ ސަބަބުން އެތުލީޓުން ގާތްގާތުގައި ތިބެން ޖެހުމަކީވެސް މި ކުޅިވަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިކަމެއްކަމަށް ޔޫހާ ފާހަގަކުރިއެވެ.

ޕީ.އެސް.އެމް ނިވްސްއާއި ވާހަކަދައްކަމުން ޔޫހާ އިތުރަށް ބުނެފަވަނީ މި މުބާރާތަކީ އޭނާގެ ފުރަތަމަ ބައިނަލް އަޤްވާމީ މުބާރާތް ކަމަށާއި، މި މުބާރާތުގައި ލިބުނު ކާމިޔާބީގެ ސަބަބުން އިތުރު ހިތްވަރަކާއި އިތުރު އަޒުމެއްގައި އަދިވެސް ބޮޑަށް މަސައްކަތްކުރަން އައު ހިތްވަރު ލިބިއްޖެކަމަށެވެ.

"ކޮންފިޑެންސް ލިބިގެން ދިޔަ. އަޅުގަނޑަށް މިކަން ވާނެޔޭ. އެކަމަކު (މުބާރާތައް) ދެވިފަ ރިކޯޑެއް ހަދާލެވުނީމަ އެ ކޮންފިޑެންސް ބިލްޑް ވެގެން ހިނގައްޖެ" މުބާރާތުގެ ތަޖުރިބާއާއި މިކުޅިވަރުން ކުރާ އުއްމީދުތަކާއި ބެހޭގޮތުން ޔޫހާ ބުންނެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގައި އައިޝަތު ޔޫހާ އިމްތިޔާޒު އަދި އިބްރާހިމް ޝިފާންގެ ޕެއަރ ވަނީ ޤައުމީ ރިކޯޑެއް ހަދާފައެވެ. މި ދެ އެތުލީޓުން ޤައުމީ ރިކޯޑުހެދީ އެއާ ރައިފަލްގެ މިކްސްޑް ޓީމް އިވެންޓުގައި ވާދަކޮށް 601.6 ގެ ސްކޯއެއް ހޯދައިގެންނެވެ.

މިމުބާރާތުގައި ރާއްޖޭގެ 15 އަހަރުގެ އީޝަލްވަނީ ރިހި މެޑަލެއް ހޯދާ ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. އަދި އީޝަލް ހިމެނޭހެން އިތުރު ތިން އެތުލީޓަކުވަނީ ޕާރސަނަލް ބެސްޓް ހަދާ ޤައުމީ ރިކޯޑު އައުކޮށްފައެވެ.

ތާރީޚީ ކާމިޔާބީއަކާއި އެކު ޤައުމީ ޝޫޓިން ޓީމުވަނީ މިމަހުގެ 17 ވަނަ ދުވަހު ރާއްޖެ އައިސްފައެވެ.