ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭ ގޮތަށް ސްޕެއިންގެ ފުޓްބޯލް ފެޑެރޭޝަނުން ސަސްޕެންޑްކޮށްފިއެވެ.
އޭނާއަށް މި ސަސްޕެންޝަން އައިސްފައި މިވަނީ ފާއިތުވެ ދިޔަ ހޮނިހިރު ދުވަހު ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކޮށް 1-1 އިން އެއްވަރުވި މެޗުގައި އޭނާ ރެފްރީއާއި ބޭއަދަބީކޮށް މުޚާޠަބުކޮށްފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުންނެވެ.
ހޯސޭ މަނުއެރޯ މޮންޓޭރޯ ރެފްރީކަންކުރި، މިމެޗުގައި ރެފްރީއާއި ބޭއަދަބީކޮށް މުޚާޠަބުކުރިކަމަށް ނިންމާ އިނގިރޭސިވިލާތުގެ 21 އަހަރުގެ ކުޅުންތެރިޔާ ވަނީ ދަނޑުން ފޮނުވާލާފައެވެ.
އެހެންނަމަވެސް ބެލިންހަމް އަދި މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފަވަނީ މިއީ ރެފްރީއަށް އެރި އޮޅުމެއްކަމަށެވެ. އެހެންނަމަވެސް އާރް.އެފް.އީ.އެފްގެ ޑިސިޕްލިނަރީ ކޮމިޓީންވަނީ ރެފްރީއާއި މެދު އިހާނެތިކޮށް ހިތިކަމަށް ނިންމާ ބެލިންހަމްއަށް އަދަބުދީފައެވެ.
މިކަމާއި ވިދިގެން ރިއާލް މެޑްރިޑްއިން މިހާރު މަސައްކަތްކުރަމުން ދަނީ މި އަދަބު އެޕީލްކޮށް ޖިރޯނާ އަދި ބެޓިސް ބައްދަލުކުރަން ހަމަޖެހިފައިވާ މެޗަށް ބެލިންހަމް ސަސްޕެންޝަންއިން ސަލާމަތްކުރުމަށެވެ.
ހޮނިހިރު ދުވަހު ހިނގި މި ހާދިސާ އާއި ގުޅިގެން ސްޕެއިނުގެ މީޑިއާގައިވަނީ ބަހުސެއް ފެށިފައެވެ. އެއްބަޔަކު ދެކޭގޮތުގައި މިކަން މިހިނގީ އިނގިރޭސި ބަސް ތަރުޖަމާކުރުމުގައި އެރި އޮޅުންތަކަކާއި، ސަގާފަތުގެ ތަފާތުތަކުގެ ސަބަބުންނެވެ.
ރެއާލްއިން ވަނީ ރެފްރީން ބަލަންވާވަރަށް ނުބަލާ ގޮތް ނިންމާކަން ފާހަގަކޮށް އެކަން ބަލައިދިނުމަށް ލަލީގާގައި އެދިފައެވެ.
ރެއާލް އިންވަނީ ލަލީގާގެ ރެފްރީންނާ ދެކޮޅަށް ޝަކުވާގެ ލިޔުމެއް ހުށަހަޅާފައެވެ. މި ޝަކުވާގެ ސަބަބުން ރެއާލް މެޑްރިޑާއި އެ ގައުމުގެ ފުޓުބޯޅަ އިދާރާތަކާއި ދެމެދުވެސް ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.
ބެލިންހަމްއަށް ކާޑް ދެއްކި މައްސަލައިގައި އެމެޗުގެ ރެފްރީ މޮންޓެރޯއަށް އާއްމުންގެ ފަރާތުން ލިބެމުންދާ އިންޒާރުތަކާއި ފާޑުކިޔުންތަކާއި ގުޅިގެން ރެފްރީންގެ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.