ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފް ގައި ރޭ ޔުވެންޓަސް އާއި ދެކޮޅަށް ޕީއެސްވީ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޕީއެސްވީ މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޕީއެސްވީ ބަލިވެފައިވާއިރު ރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވީއިރު 3-3 ގެ އެގްރިގޭޓް ނަތީޖާއިން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގައި ރަޔާން ފްލެމިންގޯ ކާމިޔާބުކޮށްދިން ލަނޑާއެކު ޕީއެސްވީ މޮޅުވެފައިވަނީ 4-3 ގެ އެގްރިގެޓް ނަތީޖާއަކުންނެވެ.
ޕީއެސްވީގެ ފިލިޕްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ޕީއެސްވީއިން ވަނީ ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ޔުވެންޓަސްގެ ގޯލަށް އަމާޒުކޮށް 10 ހަމަލައެއް ޕީއެސްވީ އިން ފޮނުވާލާފައިވާއިރު ޔުވެންޓަސް އަށް އުފެއްދިފައިވަނީ އެންމެ ހަތަރު ހަމަލަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި ޕީއެސްވީގެ ކްރޮއޭޝިޔާގެ ފޯވަޑް އިވާން ޕެރިސިވް ވަނީ ލަނޑެއް ޖަހާ މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ޔުވެންޓަސްގެ ޓިމޮތީ ވެއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުވެންޓަސް އަށް ކުރި ހޯދަދީފަ އެވެ.
ޕީއެސްވީ އިން މި މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ލޫކް ޑިޔޮންގް ދިން ބޯޅަ އަކުން އިސްމާއިލް ސައިބާރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި ޕީއެސްވީ އިން ވަނީ ލަނޑެއް ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑިފެންޑަރު ރަޔާން ފްލެމިންގޯ އެވެ.
މި ލަނޑަށްފަހު ޔުވެންޓަސް އިން މި މެޗުގައި އިތުރު ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމަށް ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
މި މެޗުން ޔުވެންޓަސް ބަލިވެ މުބާރާތުން ކަޓާފައިވާއިރު މިއީ ފުރަތަމަ ލެގުން މޮޅުވުމަށްފަހު ދެވަނަ ލެގުން ބަލިވެ މުބާރާތުން އެ ކްލަބުން ކެޓި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ޕީއެސްވީ އާއި ދެކޮޅަށް ކުޅޭނީ އިންޓަރ މިލާން ނުވަތަ އާސެނަލް އެވެ.