ޚަބަރު

އޮފީސްތަކުގެ ބިލިއާޑް މުބާރާތުގެ ތަށި ބީއެމްއެލް އާއި ސްޓެލްކޯއަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 12 ވަނަ އިންޓަރ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕް 2025 ގެ ޓީމު އިވެންޓުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހޯދައިފިއެވެ.

މުބާރާތުގެ ޓީމު އިވެންޓުގެ ފައިނަލް މެޗުތައް ބުރާސްފަތި ދުވަހު ކުޅުނުއިރު، މި މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މީގެ އިތުރުން މުބާރާތުގެ އެކި ސްޕޮންސަރުންނާއި އެސޯސިއޭޝަނުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މުބާރާތުގެ ޓީމު އިވެންޓުގެ އަންހެން ޗެމްޕިއަންކަން ބީއެމްއެލް ހޯދާފައިވަނީ ފައިނަލުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ބަލިކޮށްގެންނެވެ. އަދި ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ސްޓެލްކޯ ހޯދީ ފައިނަލުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބަލިކޮށްގެންނެވެ.

މީގެއިތުރުން މުބާރާތުގެ ސިންގަލްސް އިވެންޓުތަކުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށްވެސް ވަނީ އިނާމުދީފައެވެ. އެގޮތުން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ފަގީހާ އިބްރާހީމެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ފަގީހާ އިބްރާޙީމް ހޯދީ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ޔަޝްފާ އާއި ވާދަކޮށް 5-1 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފުރަތަމަ ޑިިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝާޒް ހޯދީ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ޔޫސުފް ޒުބައިރު އާއި ވާދަކޮށް 9-5 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރު ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ މުހައްމަދު ދުންޔާޒް އެވެ. ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްއައިބީގެ ޝިފާއު ޢަބްދުﷲ އެވެ. މީގެއިތުރުން އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސްގެ އާމިނަތު ހަލީމް އެވެ.

މިއަހަރުގެ އޮފީސްތަކުގެ މުބާރާތުގެ ކާމިޔާބީއާއެކު އެސޯސިއޭޝަނުން މިހާރު ތައްޔާރުވަނީ ރޯދަމަހު ފެށުމަށް ހަމަޖެހިފައިވާ 8 ބޯލް އެސޯސިއޭޝަން ކަޕަށެވެ.