އައު ބޮޑީބޯޑަރުން އުފެއްދުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) މުޅިން އަލަށް އަތޮޅުތެރޭގައި ކުރިއަށްގެންދާ ގްރާސްރޫޓް ފެންވަރުގެ ގައުމީ ޓްރޭނިން ޕްރޮގްރާމް "ހުދު ފޮނު" ގެ ފުރަތަމަ ކްލިނިކް ށ. ކަނޑިތީމުގައި ފަށައިފިއެވެ.
އިއްޔެ ފެށި މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދަނީ ކަނޑިތީމު ބޮލި ކައްޓަފުޅި ސަރަހައްދުގައެވެ. މިއީ "ސާފް ކަނޑިތީމު" ޖަމްއިއްޔާއި، ކަނޑިތީމު ކައުންސިލުގެ އެހީތެރިކަމާއެކު އެމްބީބީއޭއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް ބުނީ އަމަޒާކީ ހަމައެކަނި ބޮޑީބޯޑިން ކިޔަވައިދިނުން ނޫން ކަމަށާއި، ކުޅިވަރާއި ފިޓްނަސްއަށް އަހުލުވެރިކުރުވާ މިދާއިރާއިން ހުރި ވަޒީފާގެ ފުރުސަތުތަކަށް އެތްލީޓުން އަހުލުވެރި ކުރުވުން ކަމަށެވެ.
"ހުދުފޮނު" ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް ބޮޑީބޯޑިންގެ ހުނަރުތަކާއި އުކުޅުތައް ދަސްކޮށްދެވޭނެއެވެ. އޭގެތެރޭގައި ބޭސިކް ބޮޑީބޯޑިން ސްކިލްސް އާއި، ހެލްތް އެންޑް ފިޓްނެސް ގެ އިތުރުން ސާފް އިން އެދާއިރާގެ ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ. އެމްބީބީއޭގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން ކިޔަވައިދޭ މި ޕްރޮގްރާމުގައި ބައިވެރިވާ އެތްލީޓުންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް އެހީވެދޭނެއެވެ.
"ސާފު ކަނޑިތީމު" ގެ އިވެންޓް ކޯޑިނޭޓަރ ޔާނިއު ރައޫފް ބުނީ މިއީ ކަނޑިތީމުގެ ޒުވާނުންނަށް ލިބުނު ވަރަށް ފުރިހަމަ ފުރުސަތެއް ކަމަށެވެ. މިދިޔަ އަހަރު "އާޖީލަކަށް ރާޅު" ގެ ނަމުގައި ކަނޑިތީމުގައި 3 ބޮޑީބޯޑިން ތަމްރީނު ޕްރޮގްރާމް ބޭއްވި ކަމަށެވެ. އެ ޕްރޮގްރާމުތަކުން ދަސްކުރި ބައެއް އެތްލީޓުން މިހާރު ރާޅާ އަޅާ ކަމަށާއި، "ހުދުފޮނު" ޕްރޮގްރާމަކީ ތަޖްރިބާކާރު ކޯޗުންގެ އިރުޝާދާއެކު އެރަށުގެ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ޔާނިއު ފާހަގަކުރިއެވެ.
2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ހުދުފޮނު" ޕްރޮގްރާމް މީގެ ކުރިން ބާއްވަމުން އައީ ހަމައެކަނި މާލޭގައެވެ. އެހެންނަމަވެސް މިއަހަރު މާލޭގެ އިތުރުން 6 ރަށެއްގައި "ހުދުފޮނު" ޕްރޮގްރާމް ކުރިއަށްގެންދާނެއެވެ.