ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް، ސްޓެލްކޯއިން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއިން ވަނީ މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށްގެންގޮސްފައެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، ސްމާރޓް މީޓަރގެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލުމަށްފަހު މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ ސްމާރޓް މީޓަރ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްކަމަށެވެ. މިމަހުގެ ތެރޭގައި ސްމާރޓް މީޓަރ ޝިޕްމަންޓް ލިބޭނެކަމަށާއި، ރަމަޟާންމަހުގެ ފަހުން ގޭބީސީތަކުގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދާނެކަމަށް ނާޝިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރެޑީވަމުން މިއަންނަނީ ސްމާރޓް މީޓަރ ޑިޕްލޯއިކުރުމަށް. އަޅުގަނޑުމެންގެ މީޓަރިން ޝިޕްމަންޓްގެ ފުރަތަމަ ޝިޕްމަންޓް މިހާރު މާލެ އައުމުގެ މަގުމަތީގައި. އުންމީދުކުރަނީ މި މަސް ނިމުމުގެ ކުރިން ޝިޕްމަންޓް ލިބޭނެކަމަށް. ރޯދަމަސް ނިންމާލާފައި މީޓަރު ހަރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން". ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ، ސްމާރޓް މީޓަރ ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ކޮންމެ 15 މީޓަރުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެކަމަށެވެ. ނާޝިދު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާލުންކަމަށެވެ.
"ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅެއްގެ ކޮންސަމްޝަން ދުވާލުގެ 15 މިނެޓަކުން 15 މިނެޓަކުން އަޕްޑޭޓް ވެގެންއަންނާނެ. ކޮންމެ ގަޑިއިރަކު 4 ޑޭޓާ ޕޮއިންޓް ލިބޭނެ ކިހާވަރަކަށްތޯ ޔޫސޭޖް މި އަންނަނީ. އެއީ މިހާރު ކުންފުނިން ހިންގަމުން އަންނަ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. އަމާޒަކީ ހުރިހައި ކަސްޓަމަރުންގެވެސް މީޓަރުތައް ސްމާރޓް މީޓަރުތަކަށް ބަދަލުކުރުން. މާލެއާއި ރަށްރަށުގައިވެސް ހުރިހައި ދިމާލެއްގައިވެސް ބަދަލުކޮށްފައި މިހާރު ޓާގެޓްކުރަނީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމުން". ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ އެންމެ ފުރަތަމަ ސްމާރޓް މީޓަރ ހަރުކުރުމަށް ވިސްނާފައިވަނީ ހުޅުމާލޭގައިކަމަށެވެ. އެހެންނަމަވެސް މަސައްކަތްކުރާނީ އެއް ފަހަރާ ގިނަ ސަރަހައްދުތަކުގައި މި ޕްރޮޖެކްޓް ފެށުމަށްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.