ޚަބަރު

ކުޑަހުވަދޫގައި އަޅާ ހައުސިން މަޝްރޫޢުގެ ތެރެއިން އަމިއްލަ މީހުންގެ ގޯތީގައިވެސް ގެ އަޅައިދެނީ


  • ކުޑަހުވަދޫގައި 500 ހައުސިން ޔުނިޓް އެޅުމަށް މިހާރު ވަނީ ބިޑަށް ހުޅުވާލާފައި

  • ކުޑަހުވަދޫ ތަރައްޤީކުރަނީ އަރބަން ސެންޓަރެއްގެ ގޮތުގައި

ސަރުކާރުން ދ. ކުޑަހުވަދޫގައި އެޅުމަށް ނިންމާފައިވާ 500 ހައުސިން ޔުނިޓް ތެރެއިން، ގެދޮރު އެޅުމަށް ބޭނުންވާ އަމިއްލަ މީހުންގެ ގޯތީގައި ގެ އަޅައިދިނުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދ. ކުޑަހުވަދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 7 ރަށުގެތެރެއިން އެއް ރަށެވެ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މިއަދު ހާލަތު ވަރަށް ތަފާތުކަމަށެވެ. އޭރުގެ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ބަޖެޓު އޮތީ ތަރައްޤީގެ ކަންކަން ހާސިލުކުރެވޭނެގޮތަށް ނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ އެ ބަޖެޓު އޮތީ އެމަނިކުފާނުގެ އެއްވެސް ވަޢުދެއް ފުއްދޭގޮތަށް ނޫންކަމަށެވެ.

ނަމަވެސް މިއަދުގެ ހާލަތު ތަފާތުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ހާލަތު އޮތީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދޭނެ ގޮތަށްކަމަށެވެ. މިދިޔަ އަހަރު ގިނަ ދުވަސް ހޭދަކުރީ ބޭރުގެ ދަރަނި ދައްކައި އެތެރޭގެ ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އެޅުވުމަށްކަމަށެވެ. ނަމަވެސް މިހާރު ކަންކަން ފުއްދޭނެގޮތަށް ކަންކަން ފަހިވެފައިވާކަމަށާއި، އެކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ ތަސައްވުރުގައި އެންމެ މަތީ ފެންވަރުގައި ތަރައްޤީކުރާ 7 އަރބަން ސެންޓަރުތަކަކީ ނަމެއްގައި ތަރައްޤީކުރާނެ ތަންތަން ނޫންކަމަށާއި، އެއީ އެކަން ފުރިހަމަކުރެވޭނެކަމުގެ ޔަޤީންކަމާއެކު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށް ވިދާޅުވިއެވެ. އެގޮތަށް ސަރުކާރުގެ ސިޔާސަތު އެކަށައަޅާފައިވާކަމަށާއި، އެންމެ މަތީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ކުޑަހުވަދޫގައި ތަރައްޤީވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަހުވަދޫގެ ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުމާ އިޖުތިމާއީ ދުޅަހެޔޮކަމާއެކު ކުޑަހުވަދޫއަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުހަބާ ކިޔާކަމަށް ރައީސް ވިދާޅުވިއެވެ. އާބާދީ އެއްފަސްކުރުމުގައި ކުޑަހުވަދޫއަކީ ނަމޫނާ ކުރިއެރުމެއް ހޯދާފައިވާ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި ސަރުކާރުން އެއްބާރުލުން ދޭނެކަމަށެވެ.

"އެންމެ މުހިންމު އެއްކަމަކީ ގެދޮރުވެރިކަން. މިއީ ހަމައެކަނި މިރަށަކަށްނޫން. ކޮންމެ ކަންކޮޅަކަށްވެސް، އަމުދުން ބައިބޮޑު އާބާދީ ބޮޑު ސަރަހައްދަށް އޮތް މައްސަލައެއް. އެހެންވެ އަޅުގަނޑު ކަނޑައެޅީ ސިޔާސަތެއްގެ ގޮތުގައި ގެދޮރުވެރިކަން ހައްލުކުރުން. މިރަށުގައި ބިމެއް އެބައޮތް ހިއްކާފައި. ނަމަވެސް 11 އަހަރުތެރޭ އެއްވެސްކަމެއް ނުކުރެވި އެއޮތީ. އެތައް ބަޔަކަށް ގޯތި ދެވިއްޖެނަމަވެސް އެތަނުގައި ދިރިއުޅެވޭނެ ފެނެއް ކަރަންޓެއް މަގެއް ނެތް. އަޅުގަނޑުމެންގެ ވިސްނުމަކީ އެކަން ބަދަލުކުރުން. އެކަމަށް ހުރިހާ ކަމެއް ފަހިކުރުން". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެރަށުގެ ހިއްކި ބިމުގައި ހުރިހާ ޔުޓިލިޓީ ޚިދުމަތާއެކު ހުރިހާ މަގެއް ހަދައި ތަރައްޤީކުރާނެކަމަށް ވިދާޅުވިއެވެ. އެއީ އަރބަން ސެންޓަރުގެ އެއް ތަސައްވުރުކަމަށާއި މިހާރު ކުރިއަށްދާ މަގު ހެދުން ހުއްޓާލާނީ އެރަށުގެ ހުރިހާ މަގެއް ތަރައްޤީކޮށް ނިންމުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުޑަހުވަދޫގައި އަމިއްލަ ފަރާތަކުން ހައުސިން އެޅުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުޑަހުވަދޫގައި އެޅުމަށް ނިންމާ އިއުލާންކޮށްފައިވާ 500 ހައުސިންގ މަޝްރޫޢުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ ވަކި އަދަދެއް އަމިއްލަ ގޯތީގައި އަޅައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާކީބައި ހައުސިން އަޅާގޮތަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިމަޝްރޫޢުގައި އަޅާނީ 3 ކޮޓަރީގެ ގެއެއްކަމަށެވެ. އެއީ ގެދޮރު ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ އަދަދެއްކަމަށްވެސް ވިދާޅުވިއެވެ. އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރާއިރު އިތުރު ބަޔަކު ހިޖުރަކުރާނަމަ އިތުރު ހައުސިން އެރަށުގައި އަޅާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަށުގެ ތަރައްޤީގެ އެންމެ ފުރަތަމަ ސިޔާސަތަކީ ގެދޮރުވެރިކަން. އިރާދަކުރެއްވިއްޔާ މިކަމުގައި ތިބޭފުޅުންނާ އެކީ ކުރިއަށްގޮސް ރަނގަޅު ނަތީޖާއެއް ނެރެދޭނެނަން". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުން ގެދޮރު އެޅުމަށް ދޫކުރާ ލުއި ލޯނުގެ ބޭނުންވެސް ހިފުމަށް އެދިވަޑައިގެންފައެވެ. ކުޑަހުވަދޫގައި 3 މިލިޔަނާ ހަމައަށް އެ ލޯނު ނެގޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.