ޚަބަރު

ޖިރޯނާ ބަލިކޮށް ރެއާލް މެޑްރިޑް ދެވަނަ އަށް


ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެ ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ.

ރެއާލް މެޑްރިޑް މި މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ މިހާތަނަށް ލީގުގައި ކުޅުނު 25 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ވެސް 25 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް އެއްވަނަ މަގާމު ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާސް މީހުންނަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާ ކުރަމުންދާ ޖޫޑް ބެލިންހަމް އަށް މި މެޗުގައި ނުކުޅެވެ އެވެ.

ލީގުގައި މިދިޔަ ހަފްތާގައި އޮސަސޫނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ބެލިންހަމް އަށް ދެއްކި ރަތް ކާޑާއެކު އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލޫކާ މޮޑްރިޗް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކުންނެވެ. ގޯލާއި 25 ޔާޑު ދުރުން އޭނާއަށް ލިބުނު ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށްފަހު އެއް ފަހަރުން ޖަގާ ގޯލުގެ ތެރެއަށް ފޮނުވާލިއިރު އެ ބޯޅަ މަތަ ކުރުމށް ޖިރޯނާގެ ގޯލުކީޕަރު ޕައުލޯ ގަޒާނިގާ އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.

މެޗުގެ ދެވަނަ ހާފުގައި ޖިރޯނާ އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ވަނީ އެ ހަމަލަތައް ދިފާއުކޮށްފަ އެވެ.

މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނީޓުގައި ކިލިއަން އެމްބާޕޭ ދިން ޕާހަކުން ކާމިޔާބުކޮށްފައިވަނީ ވިނިޝިއަސް ޖޫނިއާ އެވެ.

ރެއާލް މެޑްރިޑްގެ އޮސްޓްރިއާގެ ޑިފެންޑަރ ޑޭވިޑް އަލަބާގެ އޭސިއަލް އަށް ލިބުނު އަނިޔާއަށްފަހު އޭނާ ވަނީ 434 ދުވަހަށްފަހު ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑްގެ ފުރަތަމަ ޓީމުގައި ހިމެނިގެން މި މެޗުގައި ކުޅެފަ އެވެ.

ރެއާލް މެޑްރިޑް ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގައި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށެވެ.