ދ. މާއެނބުދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތަށް ފުޅާކުރުމަށް އެޅި، އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިތަން ހުޅުވައިދެއްވީ މިވަގުތު އެމަނިކުފާނު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެންނެވެ. މާއެނބޫދޫގައި ޤާއިމްކޮށްފައިވާ ސިއްޙީ މަރުކަޒު ހުޅުއްވައި ދެއްވާ އެމަނިކުފާނު ވަނީ އެތަން ބައްލަވާ ލައްވާފައެވެ.
މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތަކީ އެ މަރުކަޒުން ޚިދުމަތް މިހާރު ދިނުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދައިވައި ދެއްވުމަށް، ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތާއެކު އަލަށް 5 ޚިދުމަތެއް ވަނީ ތަޢާރަފްކޮށްފައެވެ.
މި އިމާރާތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ހިމެނެއެވެ. މީގެ އިތުރުން ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ދޭ ފަރުވާތައް ދިނުމަށް ހާއްސަ ކްލިނިކެއްގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް އައު އިމާރާތުގައި ވަނީ ޤައިމް ކުރެވިފައެވެ.
މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 2023 ވަނަ އަހަރުއެވެ. މި މަޝްރޫޢަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އޭރު ސިއްޙަތާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.