ޖަރުމަނުވިލާތުގެ އިދިކޮޅު ކްރިސްޓިޔަން ޑިމޮކްރެޓިކް ޔޫނިއަން (ސީީޑީޔޫ)ން އެ ޤައުމުގެ ޢާންމު އިންތިޚާބު ކާމިޔާބު ކޮށްފިއެވެ. މި ކާމިޔާބީއާ އެކު، ޖަރުމަނުވިލާތުގެ ޗާންސެލަރގެ މަޤާމު ދެން ފުރުއްވާނީ ކޮންޒަރވެޓިވް ސިޔާސަތުތަކަށް ތާޢީދު ކުރާ ސީޑީޔޫގެ ވެރިޔާ ފްރީދްރިޝް މެޔަަޓްޒެވެ. މެޔަޓްޒް އިންތިޚާބު ކާމިޔާބު ކުރައްވާފައި މި ވަނީ، އެމެރިކާގެ ބާރާއި ނުފޫޒުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، އެމެރިކާގެ ކިބައިން ވިލާތުގެ ޤައުމުތަކަށް ފުރިހަމަ މިނިވަން ކަން ހޯއްދަވައިދެއްވާނެ ކަމުގެ ވަޢުދާ އެކުގައެވެ.
69 އަހަރުގެ މެޔަޓްޒްގެ ކުރިމަތީގައި ދެން އޮތީ، އިންތިޚާބުުގައި ބައިވެރިވި އެހެން ޕާޓީތަކާ ގުޅިގެން ވެރިކަން ކުރާ އިއްތިޙާދެއް އެކުލަވައިލުމުގެ މަސައްކަތެވެ. އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، ދެވަނައަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސަތުތަކަށް ތާޢީދު ކުރާ އިދިކޮޅު ޕާޓީ އޮލްޓަރނެޓިވް ފޯރ ޖަރމަނީ (އޭއެފްޑީ)އެވެ. ނަމަވެސް، އިއްތިޙާދުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޕާޓީއަށް ނުދޭނެ ކަމުގައި މެޔަޓްޒް ވަނީ ވިދާޅުވެފައެވެ.
އޭއެފްޑީއާ ގުޅުމަށް ޖަރުމަނުވިލާތުގެ ބޮޑެތި ހުރިހާ ސިޔާސީ ޕާޓީއަކުން ދެކޮޅެވެ. އެއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގާތް ބޭފުޅެއް ކަމުގައިވާ ޓެކްނޮލޮޖީ ދާއިރާގެ މަހުޖަނު އިލޮން މަސްކް ތާޢީދު ކުރައްވާ ކަން ހާމަ ކޮށްފައިވާ ޕާޓީއެކެވެ. އެމެރިކާގެ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ނަމުގައި ޓްރަމްޕް އުފައްދަވާފައިވާ ޑިޕާޓްމަންޓް އޮފް ގަވަރމެންޓް އެފިޝެންސީ (ޑޯޖް)ގެ ވެރިޔާގެ މަޤާމަށް އޭނާ އިސް ކުރައްވާފައި ވަނީ މަސްކެވެ.
ޖަރުމަނުވިލާތުގެ ޗާންސެލަރުގެ މަޤާމާ ކުރިމަތިލައްވާފައިވާ މެޔަޓްޒަކީ ސަރުކާރެއް ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއް ނޫނެވެ. އޭނާގެ ކުރިމަތީގައި އޮތީ، ވިލާތުގެ އެންމެ ބޮޑު އިޤުތިޞާދުގެ ގޮތުގައި ބެލެވިފައިވާ ޖަރުމަނުވިލާތުގެ އިޤުތިޞާދު ވެއްޓިފައި އޮތް ވަޅުގަނޑުން ސަލާމަތް ކުރުމުގެ ބުރަ މަސައްކަތެވެ. އަދި، ހިޖުރަކުރުމާ ގުޅޭ ގޮތުން ދެކަފިވެފައިވާ ޤައުމީ ވިސްނުމަށް ޙައްލެއް ހޯދުމުގެ ޒިންމާއެވެ. ސަލާމަތީ ދާއިރާއިން ވެސް، ޖަރުމަނުވިލާތަށް އޮތީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެއް ކޮޅުގައި އޮތީ މަދަދުގާރު އެމެރިކާއެވެ. އަނެއް ކޮޅުގައި އޮތީ ރަޝިޔާއާއި ޗައިނާގެ އިއްތިޙާދެކެވެ.
އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން މެޔަޓްޒް ވަނީ އެމެރިކާއަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. "އަޅުގަނޑުމެން މި އޮތީ ދެ ފަރާތުން ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ މެދުގައި، އެކަމަކު އަޅުގަނޑުގެ އަމާޒު ހުރީ ވިލާތުގެ ޤައުމުތައް އެކަތިގަނޑަކަށް ހެދުމަށް. ވިލާތުގައި އެއްބައިވަންތަކަށް ކުރިއެރުވުމަކީ ކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އިންތިޚާބުގައި މެޔަޓްޒް ހޯއްދެވި ކާމިޔާބީއަށް ޓްރަމްޕް ވަނީ މަރުޙަބާ ދަންނަވާފައެވެ. ނަމަވެސް، މެޔަޓްޒް ވިދާޅުވީ ޓްރަމްޕްގެ ސަރުކާރަކީ ވިލާތުގެ ޤައުމުތަކުގެ ހާލަތާ މެދު ވިސްނާ ސަރުކާރެއް ނޫން ކަމުގައެވެ. "އަޅުގަނޑުގެ އެންމެ ބޮޑު އިސްކަމެއް ދޭނީ ވީ އެންމެ އަވަހަކަށް ވިލާތުގެ [ޤައުމުތައް] ބާރުވެރި ކުރުވަން، އަދި ކުރިއަށް އޮތް ތަނުގައި ޔޫއެސްއޭ (އެމެރިކާގެ) ކިބައިން ފުރިހަމަ މިނިވަން ކަން ހޯދުމަށް،" މެޔަޓްޒް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، މެޔަޓްޒްގެ ސީޑީޔޫއާއި ކްރިސްޓިޔަން ސޯޝަލް ޔޫނިއަން (ސީއެސްޔޫ) އިއްތިޙާދުން ވަނީ %28.5 ވޯޓު ކާމިޔާބު ކޮށްފައެވެ. އިދިކޮޅު އޭއެފްޑީއަށް ތާޢީދު ކޮށްފައި ވަނީ އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ ތެރެއިން %20.5 މީހުންނެވެ. މިއީ، އޭއެފްޑީން ހޯދާފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. މިހާރުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒްގެ ސޯޝަލް ޑިމޮކްރެޓްސް (އެސްޕީޑީ)އަށް ލިބިފައި ވަނީ %16.5 ވޯޓެވެ.