ޚަބަރު

ދިރާސީ އައު އަހަރު ފެށޭނީ އޭޕްރީލް 7ގައި


  • ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24ގައި

  • ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28ގައި

  • މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28އިން ޖެނުއަރީ 27އަށް

ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް ނަހުގެ 7ވަނަ ދުވަހު ފަށާ ގޮތަށް ތައުލީމީ ވުޒާރާއިން ނިންމަވައިފިއެވެ. އެވުޒާރާއިން މިގޮތައް ނިންމަވައި އެކަޑެމިކް ކަލަންޑަރުގައިވެސް ވަނީ ހިމަނުއްވާފައެވެ.

ތައުލީމީ ވުޒާރާއިން އާންމުކުރައްވާފައިވާ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގައެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.

މީގެ ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން އެފަހަރުގެ ދިރާސީ އަހަރު ފަހަތަށް ސޮއްސާލުމާއެކު، ދިރާސީ އައު އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021ގައި ވަނީ ބަދަލުކޮށްފައެވެ.

އެގޮތަށް ބަދަލު ކުރުމުން ބޮޑު ޗުއްޓީ ދިމާވަނީ ޖޫން ޖުލައިއަށެވެ. އެ ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރު ކަމަށްވުމުން އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތްގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރުއެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެކަމަށް ތައުލީމީ ވުޒާރާއިން ކުރިން ވަނީ ވިދާޅުވެފައެވެ.