މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުލަބު ވެލެންސިއާ ކަޓުވާލައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު އީގަލްސް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ރޭ މާޒިޔާ އާއި ވެލެންސިޔާ މެޗުން ވެލެންސިޔާ މޮޅުވެގެން ސެމީއަށް ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލީޑް ނެގީ މާޒިޔާއިންނެވެ. މި ލަނޑު އެޓީމަށް މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަނޫފް އަބްދުﷲ އެވެ. ގިނަ ކާޑުތަކެއް ފެނިގެންދިޔަ މެޗުގައި ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަހުމަދު ހަމްދާން ޖެހި ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެލެންސިޔާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް މާޒިޔާގެ ކީޕަރު ޝާހިދު ވިޝާލް ވަނީ މަތަކޮށްފައެވެ. މި ހާފުގައި ވެލެންސިޔާއިން ވަރަށް ރަނގަޅަށް ކުޅެ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް މާޒިޔާގެ މަލާޒް މުހައްމަދަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. މެޗުން މާޒިޔާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަމީޝް އަރީފްއެވެ.
މި މެޗުން ވެލެންސިޔާ ބަލިވުމާ އިއްޔެ ހަވީރު އީގަލްސް މޮޅުވުމާއެކު ވަނީ މުބާރާތުގެ ސެމީފައިނަލުން އީގަލްސް ޖާގަ ހޯދާފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗު އީގަލްސް ކާމިޔާބުކުރީ ކުލަބް ގްރީންސްޓްރީޓްސް އާ ވާދަކޮށް 5-0 ލަނޑުންނެވެ. މިމެޗުގައި ގްރީންއަށް އުނދަގޫ ކުރިމަތިވެގެން ދިޔައީ މެޗުގެ 11 ވަނަ މިނިޓުގައި އެޓީމުގެ އިސްމާއިލް ވިޝާންއަށް ރަތްކާޑު ދެއްކުމުންނެވެ. އެފަހުން އީގަލްސްއަށް ގޯލު ހުޅުވާލައިދިނީ މުހައްމަދު ޝަމްހާން ޖެހި ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްއަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އައިމަން ހަސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ދެވަނަ ހާފުގައި އީގަލްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޝްހަމް އިބްރާހިމް މުހައްމަދެވެ. މެޗުގެ ހަތަރުވަނަ ލަނޑު އީގަލްސްއިން ކާމިޔާބުކުރީ 73 ވަނަ މިނިޓުގައި މުހައްމަދު ޝިޒާންއެވެ. އީގަލްސްގެ ފަހު ލަނޑު މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އަޝްހަމްއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މާޒިޔާ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި އީގަލްސް ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.