ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ އަމާޒުހުރީ ނަތީޖާ ނެރުމަށްކަމަށާއި، އެގޮތުން ދ. ރިނބުދޫގެ ރައްޔިތުން ބޭނުންވާ މަޝްރޫޢުތައް މިއަހަރު ކުރިއަށްގެންގޮސް ރައްޔިތުން އެދޭ ނަތީޖާ ނެރެދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދ. ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ ގާތަށް އެމަނިކުފާނު ވަޑައިގެން އެއްވެސް މެދުވެރިއެއް ނެތި ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާ މައިގަނޑު ސަބަބަކީ އެކިއެކި މައްސަލަތަކަށް ރަނގަޅު ދާއިމީ ޙައްލު ލިބި އަވަހަށް ކަންކަން ކުރުމަށް ފަސޭހަވާތީކަމަށެވެ. އެމަނިކުފާނުގެ އަމާޒުހުރީ ނަތީޖާ ނެރުމަށްކަމަށާއި، ސަރުކާރުގެ ހުރިހާ ސިޔާސަތެއް ހުރީ ނަތީޖާނެރެ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުމަށްކަމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރިނބުދޫގެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، އެންމެ މުހިންމު އެއްކަމަކީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުންނާ ބެލެނިވެރިންނާ ދަރިވަރުންނަށް ސްކޫލުގެ މައްސަލައަށް ދާއިމީ ޙައްލެ އައުން މުހިންމުކަމަށާއި، ކުރިއަށް އޮތް ދެމަސްދުވަހުގެތެރޭގައި 6 ކްލާސްރޫމާއި ކޮމްޕިއުޓާރ ރޫމާއި ލައިބްރަރީ ހިމެނޭހެން މެއި މަހުގެތެރޭގައި މަޝްރޫޢު އެންމެ ލަސްވެގެން ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބާރު ދުވެލީގައި މަޝްރޫޢު ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ މަޝްރޫޢު ހަވާލުކުރަނީ ސަރުކާރުގެ ކުންފުންޏަކާކަމަށްވެސް ވިދާޅުވެފައެވެ.
"އެހެންވީމަ އެގޮތަށް މި ހުރިހާ ކަމެއް ތަރުތީބުކުރަނީ. ހުއްޓިފައިވާ މަޝްރޫޢުތައްވެސް އަދި އަލަށްފަށާ މަޝްރޫޢުތައްވެސް މި ކުރިއަށްގެންދަނީ އެގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިނބުދޫގައި މިހާރު ހުރި މިސްކިތަކީ 1992 ވަނަ އަހަރު ތަރައްޤީކުރި މިސްކިތެކެވެ. ރަށުގައިހުރި ހަމައެކަނި އެ މިސްކިތް ބައުވުމުގެ ސަބަބުން ރައްޔިތުންނަށް ހުރި ދަތިތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ ރައީސް ވަނީ މިއަހަރުގެ ޖުލައި މަހު 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އެރަށުގައި ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
"ސިއްޙީ ދާއިރާއަކީ އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ވަރަށް އިސްކަންދޭ ދާއިރާއެއް. ސިއްޙީ މާރުކަޒުގެ އެކި ކަންކަން ހައްލުކުރަން އެބަހުރި. ޖާގަ ދަތި، ވަސީލަތާއި މުވައްޒަފުންގެ ދަތިކަން ގުޅިފައި އޮތީ ޖާގައިގެ ދަތިކަމާ. މިއަހަރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދީ މުވައްޒަފުންގެ ދަތިކަން ހައްލުހޯދައިދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ މިއަހަރުގެ ތެރޭގައި އެ ހުރިހާ މަޝްރޫޢުއެއް ނިންމުމަށް މަސައްކަތްކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. އެއްވެސް މަޝްރޫޢުއެއް ނުހުއްޓޭނެކަމަށާއި، ނިމެންދެން ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ ފިޓްނަސް ރެކްރިއޭޝަން ސެންޓަރެއް ރިނބުދޫގައިވެސް ތަރައްޤީކުރަން މިއަހަރު ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ.
ރިނބުދޫއަކީ އާބަދީ ކުޑަރަށެކެވެ. ރަށުގެ ބައެއް އާއިލާތައް ވަނީ މީގެ އަހަރުތަކެއް ކުރިން މާލެއަތޮޅު ތުލުސްދޫއަށް ހިޖުރަކޮށްފައެވެ. ވުމާއެކު ރަށުގައި އެފަރާތްތަކުގެ ގެތައް އަދިވެސް ހުރުމާއެކު ޤާނޫނީގޮތުން އެކަމަށް ޙައްލެއް އައިސްފައި ނެތުމަކީ ރަށުގެ ލޭންޑުޔޫސް ޕްލޭން އެކުލަވާލުމަށް އޮތް ދައްޗެކެވެ.
ރައީސް ވަނީ ޓެކްނިކަލް ޓީމެއް މިއަދު ރިނބުދޫއަށް ގޮސް އެކަމުގެ ދިރާސާތަކެއް ފަށްޓްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށެވެ. ރަށުގައި އުޅޭ ރައްޔިތުންނަށާއި، ހިޖުރަކުރި މީހުންނަށްވެސް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުން ބަދަލުވެފައިވާ މީހުންގެ ގޯތިތަކުގެ މައްސަލާގައި ހުރިހާ ރައްޔިތުންގެ ހައްގު ހިމާޔަތްވާ ގޮތަށް އަލުން ލޭންޑުޔޫސް ޕްލޭން ހަދައި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގެ އީޤްތިޞާދީ ކުރިއެރުމަށްވެސް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދެއްވާނެކަށް ރައީސް ވިދާޅުވިއެވެ. ރިނބުދޫއަކީ ރަންރިހީގެ މަސައްކަތުގައި ރާއްޖޭގައި މަޝްހޫރު ރަށެކެވެ. އަތްތެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ރާއްޖޭގައި ކުރާ ރަށެކެވެ. ނަމަވެސް އާބާދީ ކުޑަވެ ޒުވާނުން މިދާއިރާއަށް ވަންނަލެއް މަދުކަމުން މި މަސައްކަތް އުވިދިޔަ ނުދީ ކުރިއަރުވަން ރައްޔިތުން ބޭނުންވެއެވެ.
ރައީސް ވަނީ ދިވެހިންގެ ކުރީގެ މަސައްކަތްތައް ދިރުވާ އާލާކޮށް، އެ މަސައްކަތް ނެތިގެން ނުދާނެގޮތަށް އަތްތެރި މަސައްކަތް ކުރިއަށްގެންދިއުމަށް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެފިކެޓް ލިބޭނެގޮތަށް އެ މަސައްކަތް ދަސްކޮށްދޭނެ މަރުކަޒެއް ޤާއިމްކުރުންކަމަށެވެ. އެކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. މިއީ ރަށަށް އިޤްތިޞާދީ ފައިދާކުރާނެކަމެއްކަމަށާއި، މިކަމަށް ޒުވާނުން އިތުރުކޮށް މަސައްކަތް ކުރިއަރައިގެން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަން ކާމިޔާބު މަސައްކަތަކަށް ހަދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.