ޚަބަރު

ކުޅިވަރު ގާނޫނުގެ އިސްލާހުތަކާ ގުޅޭގޮތުން ވޮލީ ކޮމިއުނިޓީއާއެކު ކާމިޔާބު މަޝްވަރާތަކެއް


ކުޅިވަރު ގަނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކާ ގުޅޭގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވޮލީ އާއިލާގެ މެންބަރުންނާއެކު ކާމިޔާބު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބޭފުޅުންނާއި، ކުރީގެ ތަޖުރިބާކާރު ވޮލީ ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި، ރެފްރީން އަދި އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވީއޭއެމުން ބުނީ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގެ ސަބަބުން ގިނަ ޚިޔާލުތަކެއް ލިބިފައިވާކަމަށާއި، ކުޅިވަރު ޤާނޫނަށް ގެންނަންޖެހޭ ތަފާތު ގިނަ އިސްލާހުތަކެއް މި ބައްދަލުވުމުގެ ސަބަބުން ފާހަގަވެގެން ދިޔަކަމަށެވެ.

ރައްޔިތުންގެ މަޖިލީހުންވަނީ ކުޅިވަރު ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާއި ގުޅޭގޮތުން ޚިޔާލު ހުށަހެޅުމަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ. އެސޯސިއޭޝަންތަކުން ޤަބޫލުކުރާ ގޮތުގައި މިފުރުސަތުގެ ސަބަބުން ކުޅިވަރު އިތުރަށް ތަރައްޤީވެ އައު ހަރުފަތަކަށް ދިއުމަށް ބާރަކަށް ވެގެންދާނެއެވެ.