ޚަބަރު

ބަލި ކޮތަރުތަކުގެ ފުށުން އިންސާނުންގެ ސިއްޙަތަށް ނުރައްކާފަދަ ކަމެއް މިހާތަނަށް ފާހަގަނުކުރެވޭ: ސިއްޙީ ވުޒާރާ


  • ކަމާބެހޭ ފަރާތްތަކުން މިކަން އަންނަނީ ބަލަމުން

  • ބަލިވެފައިވާ ދޫނިތަކާއި ގާތްނުވުމަށް ވަނީ އިލްތިމާސްކޮށްފައި

މާލޭގެ އެކި ތަންތަނުން ކޮތަރުތައް ބަލިވެ، މަރުވާ ސަބަބު ދެނެގަތުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް ބެލިބެލުމުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިކަން ހާމަކުރައްވާފައި މިވަނީ މާލޭގެ އެކި ސަރަޙައްދުތަކުން ބަލިވެފައިވާ ކޮތަރުތަކާއި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ، އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވަނިކޮށެވެ.

މިކަމާގުޅިގެން މާލޭގެ އެކިތަންތަނުން މިގޮތަށް ފާހަގަވެފައިވާ ކޮތަރުތަކުގެ ސާމްޕަލްތައް ނަގާ ތަހުލީލުކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިދިޔަ ހަފްތާގައި ވަނީ ކޮށްފައެވެ. މިކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާގުޅިގެން ބަލަމުންދާކަމަށް ސިއްޙީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެފަދަ ކޮތަރުތަކުގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އެންމެ ރައްކާތެރިގޮތަކީ މިގޮތަށް ބަލިކަމަށް ފާހަގަކުރެވޭ ދޫނި ނުވަތަ ޖަނަވާރުންނާ ގާތްނުވުންކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.