ޚަބަރު

މަސްވެރިންގެ ދަފްތަރަކީ އިޖުތިމާޢީ ރައްކާތެރިކަން ލިއްބައިދޭނެ ދަފްތަރެއް: ވަޒީރު ޝިޔާމް


  • މަސްވެރިންގެ ދަފްތަރުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް ވަޒީރު ވިދާޅުވި

  • ދަފްތަރު ފުރިހަމަވާއިރު މަސްވެރިންގެ ވަރަށްގިނަ ކަންކަން ފަސޭހަވެގެންދާނެ

މަސްވެރިންގެ ދަފްތަރަކީ އިޖްތިމާޢީ ރައްކާތެރިކަން ލިއްބައިދޭނެ ދަފްތަރެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދ. ރިނބުދޫއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ދަފްތަރުގެ މަސައްކަތް ގާތްގަޑަކަށް ނިމުމަކާ ގާތްވެފައިވާކަމަށެވެ. ވަޒީރުވަނީ މަސްވެރިން ދަފްތަރުގެ ބޭނުން ހިފުމަށް މަސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެހެން ކުންފުނިތަކާ އޮފީސްތަކަށް ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ ލުއިފަސޭހަކަން މަސްވެރިންނަށް ހޯދާދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިދަފްތަރު ފުރިހަމަވާއިރު މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަ ގޮތަކަށް މަސްވެރިންގެ މިދަންނަވާ ވެރިފިކޭށަން ނުވަތަ ލޯނެއް އެޕްރޫވް ކުރާއިރު ބަލަން ޖެހޭ ބެލުންތައް މިދަނީ އިންތިޒާމް ކުރަމުން. އިރާދަކުރެއްވިއްޔާ މަސްވެރި އާއިލާތަކަށް އެއިީ ވަރަށް އުފާވެރި ދުވަހަކަށް ވެގެންދާނެ". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިދައުރުގެ ތެރޭގައި ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެކެވެ. އެވަޢުދުފުޅު ފުރިހަމަކުރެއްވުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެންވެސްވަނީ ފަށްޓަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދ.މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިވެސްވަނީ ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ، އެއަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.