ކޮރަޕްޝަންގެ ޢަމަލުތައް ހިންގައިގެންހޯދާ ފައިދާއާއި ފައިސާ އަނބުރާ ދިވެހި ދައުލަތާއި ހައްގުވެރިންނަށް ރުޖޫޢަކުރުމަށްޓަކައި އެސެޓު ރިކަވަރީ ޤާނޫނު މުހިންމުކަމަށް އެންޓި-ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. އޭސީސީގެ ރައީސް މިހެން ވިދާޅުވީ "އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު"ގެ ފޮތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ޚާއްޞަ ޤާނޫނެއް ރާއްޖޭގައި ނެތެވެ. އެހެންކަމުން ރާއްޖޭގައި ހުރި ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މި މަސައްކަތް ކުރެވެން އޮންނަ ގޮތާއި، މި މަސައްކަތް ކުރުމަށް ޤާނޫނީ ޒިންމާ މަތިކޮށްފައިވާ އިދާރާތަކަކީ ކޮބައިކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ތަޢާރުޒުނުވާގޮތަށް އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނުގެ ފޮތުގެ ޑްރާފްޓެއް އޭސީސީން ވަނީ އެކުލަވާލާފައެވެ. އެ ޑްރާފްޓުގައި ދިވެހިރާއްޖޭގެ ޙާލަތާއި، ތަންފީޒު ކުރަމުން އަންނަ ޤާނޫނުތަކާއި ގަވާއިދުތަކަށް ރިޢާޔަތްކޮށްފައިވެއެވެ.
އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނުގެ ފޮތް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެސެޓް ރިކަވަރީގެ ނަމޫނާ ޤާނޫނުގެ ފޮތެއް އެކުލަވާލާފައިމިވަނީ ރާއްޖޭގައި އެފަދަ ޤާނޫނެއް ނެތުމުން، އެންމެ ބޭނުން ޖެހިފައިވާ ވަގުތެއްގައިކަމަށެވެ. ކުށްކޮއްގެން ދައުލަތައް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެފަދަ ޤާނޫނެއް މުހިންމުކަން ފާހަގަކުރައްވާ އޭސީސީގެ ރައީސް ވިދާޅުވީ، ކޮރަޕްޝަނާއި، ބޮޑެތި ކުށްތައް ކުރާ ފަރާތްތައް ކުށްކުރުމަށް އޮންނަ މައިގަނޑު މަޤްޞަދަކީ އޭގެން ލިބޭ މަންފާއާއި ނަފާ ހޯދުންކަމަށެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގާ ފަރާތުން ފައިދާ ލިބިގަންނަނީ ކުށްކުރުމުގެ ބޭނުމަށްވުރެ އޭގެއިން ލިބޭ ނަފާ ލިބިގަތުމުގެބޭނުމުގައިމަށް ޝާމިލް ވިދާޅުވިއެވެ. މަނީލޯންޑަރިންވެސް އުފެދުނީ ގޯސްކޮށް ފައިސާއާއި މުދާ ލިބުިގަނެ އެތަކެތި ރަނގަޅުކަމަށް ދެއްކުމަށްކަމަށާއި، މުއްސަނދިކަން ހޯދުމުގެ ބޭނުން ނޯންނަނަމަ އެހެން ކުށްތަކާ ތަފާތުކޮށް އެކަން ނުކުރާނެކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.
"އެސެޓް ރިކަވަރީ ޤާނޫނު ވުޖޫދު ކުރެވިއްޖާ ދިވެހިރާއްޖޭގެ ކޮރަޕްޝަންތައް ހިންގާގެން ނުހައްގު މަންފާ ލިބިގަނެ އެ މަންފާއިން އިތުރު ފައިދާ ހޯދައި ކުށްކުރަން ބޭނުން ކުރި ފައިސާ ނުވަތަ، ތަކަތިކަމަށް ވިޔަސް އަދި ކުށްކޮއްގެން ލިބުނު މަންފާ އަދި ފައިދާ ހިމެނޭހެން ކަމަށް ވިޔަސް އަނބުރާ ދައުލަތައް އެ ހައްގުވެރިންނަށް ރުޖޫޢަ ކޮށްދިނުމައްޓަކައި ވަރަށް މުހިން ގާނޫނެއް ގެނައުމަށް ކުރެވުނު ފުރަތަމަ މަސައްކަތައް ވާނެ. " އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.
އުންމީދަކީ ކުށުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާއާއި މުދާ ހޯދުމަށް އެކަށީގެންވާ، ވަށާ ޖެހޭ އެސެޓް ރިކަވަރީ ޤާނޫނެއް ވީހާވެސް އަވަސް މުއްދަތެއްގައި ތަސްދީޤުވެގެން ދިއުންކަމަށްވެސް އޭސީސީން ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގައި އެސެޓް ރިކަވަރީ ބިލް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ. ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި އެއް ބިލިއަނެއްހާ ރުފިޔާގެ އެސެޓްތައް އެކި ފަރާތްތަކަށް ދީފައިވާކަމަށާއި، ނަގުދު ފައިސާގެ ގޮތުގައި އެންމެ ފަރާތަކަށް ބަދަލު ދީފައިވާއިރު ގިނައިން ބަދަލުގެ ގޮތުގައި ދީފައި ހުރީ ރަށްތަކާއި ފަޅުތައް ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.
އެސެޓް ރިކަވަރީގެ ޤާނޫނެއް ރާއްޖޭގައި ނެތްނަމަވެސް، ކުރީ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވިއެވެ. ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް އެކުލަވާލި އެ ރިޔާސީ ކޮމިޝަން އެދައުރު ތެރޭގައި އުވާލީ އެއްވެސް ނަތީޖާއެއް ނުރެވެވުމުންނެވެ.