ކުޅިވަރު

ސިޓީން ކޮވަސިޗް ވިއްކާލަނީ، ގަންނަނީ އެތުލެޓިކޯއިން


ކްރޮއޭޝިޔާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ވިއްކާލަން މެންޗެސްޓާ ސިޓީން ތައްޔާރުވުމާއެކު އޭނާ ގަތުމަށް ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުން ތައްޔާރުވާން ފަށައިފި އެވެ.

ސިޓީން ކޮވަސިޗް ވިއްކާލަން ބޭނުންވީ މިދިޔަ ސީޒަނުގައި ޓީމަށް ގެނައި ކުޅުންތެރިޔާގެ ފުށުން އެކަށީގެންވާ ކުޅުމެއް ނުދެއްކި ބެންޗުގައި އިންނަން ޖެހުމުންނެވެ. އަދި އަނިޔާވުން ގިނަވެ، ގިނަ އަދަދެއްގެ މެޗުތަކެއް ގެއްލެން ފެށުމުންނެވެ. އަދި އޭނާ ކުޅޭ މަގާމަށް ކުޅެން ސްޕޭނުގެ ޒުވާން މިޑްފީލްޑަރު ނިކޯ ގޮންޒާލޭޒް ގެނައުމާއެކު އޭނާ ރަނގަޅު ކުޅުމެއް ދައްކަން ފެށުމުންނެވެ.

މީގެ އިތުރުން ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ ރޮޑްރީ ވެސް އަނިޔާއިން ރަނގަޅުވެގެން އަންނަ ސީޒަނުގައި ކުޅެން ފަށާނެ އެވެ. މިހެންވެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިހާރު ބޭނުންވަނީ އަންނަ ސީޒަނަށް ބޭނުން ނުހިފޭނެ ކުޅުންތެރިން ފާހަގަކޯށް ދޫކޮށްލުމަށެވެ.

އުމުރުން މިހާރު 30 އަހަރުގެ ކޮވަސިޗް ވިއްކާލުމަށް ސިޓީން މިހާރު ކިޔާފައިވާ އަގަކީ 25 މިލިއަން ޑޮލަރެވެ. މިއީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑަށް ދެވިދާނެ އަގެއް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އެކަމަކު އެކުލަބުން މި އަގު ކުޑަކުރެވޭތޯ އެންމެ ފުރަތަމަ މަސައްކަތް ކުރާނެ އެވެ.

އެތްލެޓިކޯ މެޑްރިޑްގައި މިހާރު ވެސް މެދަށް ކުޅޭނެ ފަސް ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި ޕަބްލޯ ބޮރިއޯސް އާއި ރޮޑްރިގޯ ޑިޕައުލް އާއި ކޯކޭ އަދި ކޯނާ ގަލެގާ އާއި ތޯމަސް ލެމާ ހިމެނެ އެވެ. މީގެ ތެރެއިން ލެމާ އަށް ޓިމުން ޖާގަ ނުދޭއިރު އޭނާ ވިއްކާލަން އެތްލެޓިކޯ ވަނީ ނިންމާފަ އެވެ.

ކޮވަސިޗް އަކީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅުނު ކުޅުންތެރިއެކެވެ.