ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަ ގަދަ ހަފްލާއަކާއެކު ފަށައިފިއެވެ.
45 ޑެލިގޭޓުން ބައިވެރިވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާލީ، އެތުލެޓިކްސް ތަރި އަހްނާ ނިޒާރާއި ބީޗް ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ޝަމްނޫޒް މުހައްމަދު ނައީމެވެ.
ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ. ކުޅިވަރުތަކުގައި ރާއްޖޭގެ 27 އެތުލީޓުން ވާދަކުރާނެއެވެ.
އަހުނާއާއި ޝަމްނޫޒަށް ދިދަ ހަވާލުކުރުމަށް އެތުލީޓްސް ވިލެޖުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުޙައްމަދު އަބްދުއްސައްތާރާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވައި، ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމަކީ ހުރިހާ އެތުލީޓުންނަށްވެސް ލިބޭނެ ޝަރަފެއް ކަމަށް ހައްދަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
މި އިވެންޓްގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަހުމަދު ސައީދުވެސް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވާ، ރާއްޖެ ތަމްސީލު ކުރުމުގައި ނަމޫނާ ދައްކާ އަބަދުވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް އެތުލީޓުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަހުނާއާއި ޝަމްނޫޒަކީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބުވެސް ހޯދާފައިވާ ދެ އެތުލީޓުންނެވެ. މި ދެ އެތުލީޓުން ބުނީ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ދިދަ ވިހުރުވާލަން ލިބުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި ރާއްޖެ ތަމްސީލުކުރުމުގައި ހުރިހާ އެތުލީޓުންވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.