ޚަބަރު

ކުލަބު އޮތް ހާލަތުގެ ޒިންމާ އޭނާ އާއި ކުޅުންތެރިންވެސް ނަގަންޖެހޭ: އަމޮރިމް


މެންޗެސްޓަރ ޔުނައިޓެޑަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ޒިންމާ ކޯޗާއި ކުޅުންތެރިންވެސް ނަގަން ޖެހޭނެ ކަމަށް ރުބެން އަމޮރިމް ބުނެފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އަމޮރިމް މިހެން ބުނެފައިވަނީ ޖެހިޖެހިގެން ފަސް އަހަރު ވަންދެން ކްލަބަށް މާލީ ގޮތުން ގެއްލުން ވެފައިވާތީ ޚަރަދު ކުޑަކުރުމުގެ ގޮތުން 200 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށް އެކްލަބުން ބުނިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 300 މިލިއަން ޕައުންޑުގެ ގެއްލުމަކާއި އެ ކްލަބުން ކުރިމަތިލާން ޖެހިފައިވާއިރު ކްލަބުގެ ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ އެ ކްލަބުން ހޯދާ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު އެފަދަ ނަތީޖާތަކެއް ނުހޯދޭތީ އެކަމުގެ ޒިންމާ ކުޅުންތެރިންނާއި ކޯޗު ނަގަން ޖެހޭނެ ކަމަށެވެ.

"ކްލަބުގެ އިންޖީނަކީ ކުޅުންތެރިންނާއި ކޯޗުން ނަމަވެސް ރަގަޅު ނަތީޖާތަކެއް ނުހޯދޭތީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ އެ ފަރާތްތަކުން. އަދި މި ކަމުން އަރައިގަންނަން ހުރިހާ އެންމެން ގުޅިގެން ރަގަޅު މަސައްކަތްތަކެއް ކުރަން ޖެހޭ." އަމޮރިމް ބުންޏެވެ.

ޕްރިމިއާ ލީގުގައި މިއަދު އިޕްސްވިޗް ޓައުން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ނިކުންނައިރު ލީގުގައި މިވަގުތު އެ ކްލަބު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ. މިއީ 90-1989 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ކްލަބަށް ކުރިމަތިވެފައިވާ އެންމެ ދަށް ނަތީޖާތަކެވެ.

ޔުނައިޓެޑްގެ މުވައްޒަފުންނާއި މިދިޔަ ހޯމަ ދުވަހު ބައްދަލުކޮށް އެ ކްލަބުގެ ޗީފް އެގްޒެކްޓިވް އުމަރު ބެރާޑާ ބުނެފައިވަނީ ކްލަބް މާލީ ގޮތުން މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެގޮތުގެ މަތިން އިތުރު 200 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

2019 ވަނަ އަހަރުން ފެށިގެން ފާއިތުވެދިޔަ ފަސް އަހަރުވެސް ގެއްލުން ވެފައިވާ ޔުނައިޓެޑް އިން ވަނީ މިދިޔަ އަހަރުވެސް 250 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. އުމަރު ބެރާޑާ ބުނެފައިވަނީ ފާއިތުވެދިޔަ ފަސް އަހަރުވެސް ކްލަބަށް ގެއްލުން ވެފައިވާއިރު މިކަން މިގޮތަށް އިތުރަށް ނުކުރެވޭނެ ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވަޒީފާތައް މަދު ކުރުމުގެ އިތުރުން އޯލްޑް ޓްރެފަޑްގެ ކެންޓީންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިލޭ ދެމުން އައި ކެއުންތައް ހުއްޓާލުންވެސް ހިމެނެ އެވެ. އަދި މި ކަމުގެ ސަބަބުން އަހަރަކު 1.26 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވޭނެކަމަށްވެސް އެ ކްލަބުން ވަނީ ބުނެފަ އެވެ.