ޚަބަރު

ލާޒިއޯ ބަލިކޮށް އިންޓަރ މިލާން ސެމީ ފައިނަލަށް


އިޓާލިއަން ކަޕް ނުވަތަ ކޮޕާ އިޓާލިއާގެ ސެމީ ފައިނަލުގެ ޖާގައެއް އިންޓަރ މިލާނުން ހޯދައިފި އެވެ.

އިންޓަރ މިލާނުން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ލާޒިއޯ އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މިބާރާތުގެ ސެމީ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ނިކުންނާނީ އެ ޓީމާއި އެންމެ ވާދަވެރި އޭސީ މިލާނެވެ. އޭސީ މިލާން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުން ރޯމާ ބަލިކުރުމަށްފަހުގަ އެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 39 ވަނަ މިނިޓުގައި އިންޓަރ މިލާނަށް ލީޑު ނަގައިދީފައިވަނީ މާކޯ އަރްނޯޓޮވިޗް އެވެ. މި މުބާރާތުގެ ދެވަނަ ބުރުގައި އުދިނޭސީ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ވަނީ އިންޓަރ މިލާނަށް ލަނޑު ޖަހައިދީފަ އެވެ.

ސެރިއާގެ އެއްވަނަ މަގާމުގައި މިވަގުތު އޮތް އިންޓާރ މިލާނުން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހަކާން ކަލަނޮގްލޫ އެވެ.

އިންޓަރ މިލާނުގެ ކޯޗު ސިމޯން އިންޒާގީއަށްވެސް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ކަމުގައިވާ ޔޭން ސޮމާ އާއި މާކަސް ތުރާމުގެ އިތުރުން ޔަކީން ކޮރޭއާ އަށް ވަނީ އަނިޔާވެފަ އެވެ.