ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ، ސުޢޫދު އަދި މަހާޒް ސަސްޕެންޑުކޮށްފި


ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފިއެވެ. އެއީ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ޖޭއެސްސީން ވަނީ އެކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، އެ ކޮމިޝަނަށް އަންގާފައިވާކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ.

އެހެންކަމުން އެ މާއްދާއަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރުމަށް މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.