ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ބުކިންގް ޑޮޑު ކޮމް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރްސީއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 01 މާރޗް 2025 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމު ސަގާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
އެމްއެމްޕީއާރުސީއިން ވިދާޅުވީ، ބުކިންގް ޑޮޑް ކޮމްއާއި ގުޅިގެން ގިނަ ހަރަކާތްތަކާއި ކެމްޕެއިންތަކާއި ސްޓްރެޓެޖިކް ޕާޓްނާޝިޕްތައް ހިންގުމަށްޓަކައި ފްރޭމްވޯކެއް މިހާރު ތައްޔާރުކުރެވިފައިވާކަމަށެވެ. އަދި މި މަސައްކަތްތަކުގެ ތެރޭގައި އިނޮވޭޓިވް މާކެޓިންގ މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމާއި، ބުކިންގް.ކޮމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހުށަހެޅުންތައް ފެންނަ މިންވަރުތައް އިތުރުކުރުމާއި، ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގުން ހިމެނޭކަމަށްވެސް އެމްއެމްޕީއާރުސީއިން ވިދާޅުވިއެވެ.
މި އެއްބަސްވުމާ ގުޅިގެން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެތިވް އޮފިސަރ އަދި މެނޭޖިންގ ޑީރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ބައިނަލްއަޤްވާމީ ފެންވަރުގައި ދައްކުވައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަކީ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެެމްޕީއާރުސީއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ތަފާތު އެތައް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެމްއެމްޕީއާރުސީގެ މުވައްޒަފުންނަށްވެސް ސަޕްލައި ޗެއިން އޮޕްޓިމައިޒޭޝަން ތަމްރީނު ދިނުމާއި، އެމްއެމްޕީއާރުސީގެ މާކެޓިންގ ކެމްޕެއިންތަކަށް ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބުކިންގް.ކޮމްގެ އިންޑިއާ، ސްރީލަންކާ، ރާއްޖެ އަދި އިންޑޮނޭޝިއާގެ ކަންޓްރީ މެނޭޖަރު ސަންތޯޝް ކުމާރު ވިދާޅުވީ ރާއްޖެ އަކީ ފަތުރުވެރިން އެންމެ ދާންބޭނުންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ރާއްޖެއަކީ އާދަޔާ ޚިލާފު ދަތުރުފަތުރުގެ ތަޖްރިބާތަކެއް ލިބޭ ޤައުމެއްކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކުވައިދިނުމަށްޓަކައި ބުކިންގް.ކޮމްގެ ޕްލެޓްފޯމާއި ވަސީލަތްތަކުގެ ބޭނުން ހިފުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެކަމަށެވެ.