ޚަބަރު

ރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު އެކުލަވާލުމުގެ މަސައްކަތްތައް ނިންމަނީ


  • އެއްގަމުގެ އިކޯސިސްޓަމްއާއި މައުލޫމާތާއެކު މެޕުގެ އެންމެ ފަހުގެ ވާޝަން މުރާޖަޢާކޮށްފައިވޭ

  • ރާއްޖޭގެ ސަޤާފީ ތަރިކަ ރަމްޒުކޮށްދޭ ގޮތަށް ޗާޓު ބައްޓަންކުރުމަށް ދަނީ މަސައްކަތްކުރަމުން

ދިވެހިރާއްޖޭގެ ތަޖުރިބާކާރުންނާއި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން، ރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު (މެޕް) އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމަށް ޚާއްސަ ވޯކްޝޮޕެއްގައި ބައިވެރިވެއްޖެއެވެ.

މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) ގުޅިގެން ކުރިއަށްގެންދާ "ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް މޯލްޑިވްސް އެކްސެލެރޭޓަރ ފައިނަލް ވޯކްޝޮޕްއެވެ.

މި ބައްދަލުވުމަކީ ގްރޫޕް އޮން އަރތް އޮބްޒަވޭޝަންސް (ޖީ.އީ.އޯ) އަދި ޖޭމްސް ކުކް ޔުނިވަރސިޓީގެ ކޮލެޖް އޮފް ސައިންސް އެންޑް އިންޖިނިއަރިންގގައި ހުންނަ ގްލޯބަލް އިކޮލޮޖީ ލެބް ގުޅިގެން އިންތިޒާމުކޮށްފައިވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 22 އިން 24 ގެ ނިޔަލަށް، އޮސްޓްރޭލިއާގެ ޓައުންސްވިލްގައި ހުންނަ ޖޭމްސް ކުކް ޔުނިވަރސިޓީގައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތަޖުރިބާކާރުންނާއި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން، ރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު (މެޕް) އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، ރާއްޖޭގެ އެއްގަމުގެ އިކޯސިސްޓަމްތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތާއި ތަޖުރިބާގެ އަލީގައި، މެޕުގެ އެންމެ ފަހުގެ ވާޝަން މުރާޖަޢާކޮށްފައިވެއެވެ.

މި ޗާޓުގެ ސައްޙަކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި އައު މަޢުލޫމާތުތައް ހިމަނައި، ދިވެހިބަހާއި ރާއްޖޭގެ ސަޤާފީ ތަރިކަ ރަމްޒުކޮށްދޭ ގޮތަށް މި ޗާޓު ބައްޓަންކުރުމަށް ބައިވެރިން ވަނީ އެހީތެރިވެދީފައެވެ. އަދި މި ވޯކްޝޮޕް ނިންމާލާފައިވަނީ އެއްކުރެވުނު ޑޭޓާތައް ލިޔެކިޔުމަށް ތިރިކޮށް، ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް އަދި ޢާންމުންނަށް ލިބޭނެ އިންތިޒާމުތައް ރޭވުމަށްފަހުގައިކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އެކުލަވާލެވޭ ޗާޓުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވެށްޓާއި އިކޯސިސްޓަމްތަކާ ގުޅޭ ސައިންޓިފިކް އަދި އިތުބާރުހުރި ތަޞައްވުރެއް ލިބިގެންދާނެއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ ޕްލޭންތައް އެކަށައެޅުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ހެކީގެ މައްޗަށް ބިނާކޮށް ޤައުމީ ފެންވަރުގައި ނިންމުންތައް ނިންމުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއްކަމަށް ވިދާޅުވިއެވެ.