ޚަބަރު

ބުޅާތައް ބެލެހެއްޓުމަށް ޤާއިމްކުރި "އޮޅުހިޔާ" ދިރޭތަކެއްޗާބެހޭ ވުޒާރާއާ ހަވާލުކޮށްފި


  • މިފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ އަމާޒެއް

މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް "އޮޅުހިޔާ" ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

"އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުން ގާއިމްކޮށްފައިވާ ތަނެކެވެ.

5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް އަންގާ މާލެ ސިޓީ ކައުންސިލަށް ވަނީ މިދިޔަ ޑިސެމްބަރުމަހު އަންގަވާފައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ "އޮޅުހިޔާ"ގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރގެ މަސައްކަތް ނިންމުމަށްފަހު މާލެ ސިޓީ ކައުންސިލުން އެ ތަން ވުޒާރާއާ ހަވާލުކޮށްފައިވާކަމަށެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކެރެޓަރީ ޖެނެރަލް އިބްރާޙިމް ރަޝީދެވެ. އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާރ ޢަލީ ޞަފްވާން އިބްރާހީމްއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞަފްވާން އިބްރާހީމް ވިދާޅުވީ އޮޅުހިޔާ ފެސިލިޓީން ވީހާވެސް އަވަހަށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

"ރައީސްގެ ވައުދުފުޅާއެއްކޮށް އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކަން ފަށައިގަތުމަށް. އެގޮތުން އަޅުގަނޑުމެން މިނިސްޓްރީއިން މިހާރު ވަނީ މި ފެސިލިޓީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފަ. އެގޮތުން މިއަދު މި ހިނގައިދިޔަ އެއްބަސްވުމަކީ މާލެ ސިޓީ ކައުންސިލާދެމެސު އަޅުގަނޑުމެން ވެވިފައިވާ އެއްބަސްވުން އުވައިލައި މި ފެސިލިޓީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ކޮމްޕްލީޓްލީ އެއްކޮށް އެސެޓް ޓްރާންސްފަރ ހެދުމުގެ މަސައްކަތް މި ކުރިއަށްދިޔައީ." ސްޓޭޓް މިނިސްޓާރ ޢަލީ ޞަފްވާން އިބްރާހީމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައިވެއެވެ.