ކުޅިވަރު

ވޯލްޑް ކަޕް ބާއްވަންވީ އިނގިރޭސިވިލާތުގައި، ސައޫދީގައި ބާއްވަނީ ހީލަތްތެރިކަމުން: ބްލެޓާ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސައުދީ އަރަބިއާ އަށްވުރެ ކުރިން ބާއްވަން ޖެހޭނީ އިނގިރޭސިވިލާތުގައި ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.

1998 ވަނަ އަހަރުން ފެށިގެން 17 އަހަރު ފީފާގެ ރައީސްކަން ކުރެއްވި ބްލެޓާ މިހެން ވިދާޅުވީ ހިޔާނާތުގެ ކުށުގައި އޭނާގެ މަގާމު ގެއްލުވާލައި ޝަރީއަތްކޮށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފައި ހުއްޓަ އެވެ.

"އިނގިރޭސިވިލާތުގައި ވޯލްޑްކަޕް ބާއްވަންޖެހޭ މެދުއިރުމަތީގައި ދެ ވަނަ ފަހަރަށް ބޭއްވުމުގެ ކުރިން. މެދުއިރުމަތީގައި ވޯލްޑްކަޕް ބޭއްވީ 2022ގައި. އަނެއްކާ ވެސް އެމީހުންނަށް ފުރުސަތު މިދިނީ 2034ގައި ބާއްވަން. ގާތްގަނޑަށް 12 އަހަރު ތެރޭގައި މެދު އިރުމައްޗަށް ވޯލްޑްކަޕް ގެންދިއުމުގެ ކުރިން އިނގިރޭސިވިލާތަށް މި ފުރުސަތު ދޭން ޖެހޭ ސަބަބުތައް ގިނަ،" ބްލެޓާ ވިދާޅުވި އެވެ.

ވޯލްޑްކަޕް 2022ގައި ބޭއްވީ މެދުއިރުމައްޗަށް ނިސްބަތްވާ ގަތަރުގަ އެވެ. އެއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑްކަޕް ކަމަށް ފީފާއިން ވެސް ބުނެ އެވެ. 2034 ވަނަ އަހަރު ބާއްވަނީ ސައުދީ އަރަބިއާގަ އެވެ.

ސައޫދީ އަށް ވުރެ ކުރިން އިނގިރޭސިވިލާތުގައި ވޯލްޑްކަޕް ބާއްވަންޖެހޭ އެއް ސަބަބަކަށް ބްލެޓާ ވިދާޅުވީ އިނގިރޭސިން ފުޓްބޯޅަ އަށް ކުރަމުންދާ ހޭދަ އާއި ހޯދަމުން އަންނަ ކުރިއެރުން ކަމަށެވެ.

"އެމީހުން ވަރަށް ބޮޑަށް ފުޓްބޯޅަ އަށް އިންވެސްޓްކޮށްފި. އޭގެ އަގު ވަޒަން ކުރުމުގެ ގޮތުން ވެސް އެ ގައުމުގައި ވޯލްޑްކަޕް ބާއްވަންޖެހޭ. އެމީހުން އެދަނީ 1966ގެ ފަހުން އެކަމަށް އެދިގެން މަސައްކަތް ކުރަމުން. އިނގިރޭސިން އެއް ފަހަރު ކުރިމަތި މުބާރާތް ބާއްވަން. އެފަހަރު ނާކާމިޔާބުވި ނަމަވެސް އެމީހުން އެބަޖެހޭ އަލުން މިކަމަށް ކުރިމަތިލާން،" ބްލެޓާ ވިދާޅުވި އެވެ.
އިނގިރޭސިން ވޯލްޑް ބާއްވަން އެންމެ ފަހުން ބިޑްކުރީ 2018 ވަނަ އަހަރުގެ މުބާރާތަށެވެ. ބްލެޓާގެ ރައީސްކަމުގައި އެ ފަހަރު އިނގިރޭސިވިލާތާ ވާދަކޮށް މުބާރާތް ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ ރަޝިޔާ އެވެ.

ބްލެޓާ ވިދާޅުވީ އިނގިރޭސީންނަށް މިހާރު ވޯލްޑްކަޕް ބާއްވަން ފުރުސަތު ނުލިބެނީ މެދުއިރުމަތީގެ ފައިސާގެ ނުފޫޒުގައި ކަމަށެވެ.

"ހަގީގަތަށް ބުނާނަމަ މިކަންކަން މިދަނީ އެހެން ބަޔަކަށް އެކަމާ ދެކޮޅަށް ނުވަތަ ޗެލެންޖް ކުރަން ފަސްޖެހޭ ފަދަ ހީލަތްތެރި ރޭވުމެއްގެ ދަށުން. އެހެންވީމާ ސައޫދީ އަރަބިއާ ބިޑަށް ހުރިހާ ގައުމަކުން ތާއީދު ކުރީ. ޗެލެންޖް ކުރާނެ ބަޔަކުނެތް. އެކަމަކު އަހަރެން ދެކޭ ގޮތުގައި ވޯލްޑްކަޕް ބާއްވަން ފުރުސަތު ދޭން ޖެހޭނީ އެކި ބައްރުތަކުގެ މަދުގައި ހަމަހަމަކަން އޮންނާނެ ގޮތަށް ދައުރުކުރާ އުސޫލަކުން،" ބްލެޓާ ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ ވޯލްޑްކަޕުގައި ކުޅޭ ގައުމުތަކުގެ އަދަދު އަންނަ އަހަރުގެ މުބާރާތުން ފެށިގެން 48 ގައުމަށް ހެދުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ނަމަވެސް މިއީ އޭނާ އަށް ފަހު ފީފާގެ ރައީސްކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވައުދެކެވެ. ނަމަވެސް ބްލެޓޭ ގަބޫލުކުރައްވަނީ މީގެ ސަބަބުން މުބާރާތުގެ ފޯރި ދަށްވެ، އެގެ ނުރަނގަޅު އަސަރު ފުޓްބޯޅަ އަށް ކުރާނެ ކަމަށެވެ.