ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕް : ފައިނަލަށް މާޒިޔާ އާއި އީގަލްސް


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ކުރިއައް ގެންދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބް އީގަލްސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލުގައި އިއްޔެ ހަވާރު މާޒިޔާ މޮޅުވީ އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ލަނޑުން ނަތީޖާއަކުން އެއްވަރުވުމުން ޕެނެލްޓީގައި 6-5 ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގައި މާޒިޔާގެ މުހައްމަދު އިލާން އިމްރާންގެ ލަނޑުން މާޒިޔާއިން ލީޑުނެގި ނަމަވެސް އޮޑި ސްޕޯޓްސް ކުލަބުން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ދެލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އަހުޒަމް ރަޝީދުއެވެ. މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮއްދިނީ އިލާންގެ ލަނޑުންނެވެ. މެޗުގައި ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާޒިޔާ ތަފާތު ދައްކާ މެޗު ކާމިޔާބުކުރިއެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ރޭ މިހާތަނަށް ހުރިހާ މެޗެއް ކާމިޔާބުކުރަމުން އައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް އީގަލްސް ޖާގަ ހޯދި 2-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

ހުސްވި އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބު މައްޗަށް މެޗު އީގަލްސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް އީގްލަސް އިން މޮޅުވީ ދެވަނަ ހާފުގައި ޖެހި ލަނޑުތަކުންނެވެ. މެޗުގައި އީގަލްސްގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަމްހާންއެވެ.

ފައިނަލުގައި މާޒިޔާ އާއި އީގަލްސް ވާދަކުރާއިރު މި މުބާރާތުގެ ގްރޫޕް ސްޓޭގައި މި ދެޓީމު ވާދަކުރި މެޗު މާޒިޔާ ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މި ދެޓީމު ވާދަކުރާ ފައިނަލު މެޗު އޮންނާނީ މާދަމާރެއެވެ.