ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭނެކަމަށް ކުރިން ކަނޑައެޅި ލިސްޓުން އުނިކުރި މީހުންގެ ބަދަލުގައި އެހެން މީހުން ހޮވާނީ އެ ސްކީމަށް ހުށަހަޅާފައިވާ 15000 ފޯމްގެ ސައްހަކަން ބޭލުމަށްފަހުކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުން 4000 ފްލެޓް ދޭން ނިންމި މީހުންގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ބާކީ ހުރި ފްލެޓްތައް ދޫކުރަނީ ހުރިހާ ފޯމެއްގެ ސައްހަކަން ބެލުމަށްފަހު ޕޮއިންޓު ތަރުތީބުންކަމަށެވެ. އެގޮތުން މި ސްކީމަށް 20،000 އެއްހާ މީހުން ފޯމު ހުށަހެޅި އިރު ޝަރުތު ހަމަވީ 1،820 މީހުންނެވެ. އަދި ބާކީ ހުރި 15،000 ފޯމު ވެރިފައިކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" މި ސްކީމަކީ 20،000 އަށް ވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި ސްކީމެއް. އެގޮތުން ބާކީވާ ފްލެޓްތައް ވެސް ދޭން އެންމެ ރަނގަޅު ގޮތެއް ކަމަށް ސަރުކާރު ތެރޭގައި މަޝްވަރާކުރެވި ފެނުނީ ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ވެރިފައި ކުރުމުގެ މަސައްކަތާ އެއްގޮތަށް ބާކީ ހުރި ފޯމުތައް ވެސް ބަލައި ވެރިފައި ކޮށްފައި ފްލެޓް ލިބޭ ފަރާތްތަކަށް ޕޮއިންޓު ތަރުތީބުން ދިނުން،" ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވއެވެ.
4000 ފްލެޓް ލިސްޓް މިހާރު އާންމުކޮށްފައިވާއިރު ޝަކުވާ ހުށެޅުމަށް 1 މަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފްލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ބައެއް ބްލޮކްތަކުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް އުއްމީދު ކުރެވޭކަމަށެވެ.
ފްލެޓްތަކުގެ މަސައްކަތް ރާވާފައިވަނީ ފެނާއި ކަރަންޓާއި މުހިއްމު ބައެއް ކަންކަން ކޮންޓެރެކްޓް ތެރޭގައި ނުހިމަނާ އެފްޑީސީން އެކަންކަން ކުރިއަށް ގެންދާގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފްލެޓް ތަކުގެ މަސައްކަތް ނިމޭއިރަށް އެފްޑީސީން އެމަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.