ޚަބަރު

ފެހުރިހި ބަލާ އުޅަނދުތަކުގައި ބުރަފަތި ގާޑު ހަރުކުރަން 45 އެޕްލިކޭޝަން


  • މިހާތަނަށް 6 އުޅަނދެއްގެ ބުރަފަތީގައި ވަނީ ގާޑު ހަރުކޮށްފައި

  • ޑިސެމްބަރު 31ގެ ނިޔަލަށް ގާޑު ހަރުކުރަން ފުރުސަތު ދީފައިވޭ

ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރުމަށް މަޖުބޫރުކުރުމާއެކު މިހާތަނަށް އެކަމަށް އެދި 45 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައި އޮތްނަމަވެސް އޭގެ ތެރެއިން އިސްކަމެއްދީގެން ބެލެހެއްޓެނީ، 5 ތަނެކެވެ. މީގެ ތެރެއިން އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަޙައްދަކީ، ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ސަރަޙައްދެކެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްއާ ގުޅިގެން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ސަމްޕާ ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ބޮޑު ސަރަހައްދެއް ކަމަށެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ފެހުރިހި ފެންނަ މި ސަރަހައްދަށް އެތައް ބަޔަކު ޒިޔާރަތް ކުރާ ކަމަށެވެ. މިގޮތަށް ކުރާ ޒިޔާރަތުގައި އުޅަނދުތަކުގެ ބުރަފަތިން ޖެހި ފެހުރިއްސަށް އެކިވަރުގެ ގެއްލުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝަރީފް ވިދާޅުވީ، މިކަން ހައްލުކުރުމުގެ ގޮތުން ޤާނޫނަށް ބަދަލުގެނެސް ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފައިވާނެ ކަމަށެވެ. އަދި މި ބަދަލަކީ ހަމައެކަނި ފެހުރިއްސަށް ލިބޭ ގެއްލުން ކުޑަކުރުމުގެ އިތުރުން އެސަރަހައްދަށް ދާ ފަތުރުވެރިންނާއި އާންމު ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން މިހާތަނަށް 6 އުޅަނދެއްގެ ބުރަފަތީގައި ގާޑު ހަރުކޮށްފައިވާއިރު، އެކަމަށް އެދި 45 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ގާޑު ހަރުކުރުމަކީ އުޅަނދު އެހެލާގެން ކުރާ ކަމަކަށްވުމާއެކު އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"ދަތިތަކެއްވެސް އެބަހުރި. އެހެލާނެ ޖާގަ ބައެއް ތަންތަނުގައި ނުލިބުމާއި އެ ޝަކުވާވެސް އަޅުގަނޑުމެންނާއި ހަމައަށް އެބައާދޭ. އެހެންވެ އަޅުގަނޑުމެން އޭނީ، މި އަހަރުގެ ޑިސެމްބަރުގެ 31ގެ ނިޔަލަށް އެ ވަގުތުވެސް ދީފައި. އެހެލުމުގެ ޖާގަ ލިބޭ ދަތިކަން ހުރި މީހުންނަށް އެ އެޕްލިކޭޝަން ލީމައި އެޔަށްވެސް ހާއްސަ ސަމާލުކަމެއް އެބަދެން." ވަޒީރު ވިދާޅުވިއެވެ.

ފެހުރިއްސާއި އެ ތަކެތީގެ މާޙައުލުތައް ޙިމާޔަތްކޮށް، ރައްކާތެރި ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް އެންމެ ފުރަތަމަ އެކުލަވާލާ ޢާންމުކުރެވުނީ، 5 ޖޫން 2009 ގައެވެ. އެ އުޞޫލަށް މިހާރު ވަނީ، ފާހަގަކުރެވޭ ބަދަލުތަކެއް ގެނެސްފައެވެ.

ރާއްޖޭގައި ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށްޓަކައި، 2024 ވަނަ އަހަރުގެ ތެރޭގައި އައު ޤާނޫނީ އުސޫލެއް ވަނީ އެކުލަވާލާފައެވެ. މި އުޞޫލުގައި ފެހުރިހި ހިމާޔަތްކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ފެހުރިއްސާ މެދުގައި އަމަލުކުރާނެ ގޮތް ހިމަނާފައިވެއެވެ.

މި އުޞޫލުގައިވާ ގޮތުން ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަޙައްދަކީ، "ކޮންޓެކްޓް ޒޯން"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. މި ޒޯނުގައި އެއްފަހަރާ ޙަރަކާތްތެރިވެވޭނީ، ގިނަވެގެން 3 އުޅަނދަށެވެ.

ކޮންޓެކްޓް ޒޯނުގައި އުޅަނދުފަހަރުގެ ދުވެލި ގަޑިއަކު 5 ނޮޓަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި ފެހުރިހީގެ 50 މީޓަރު ސަރަޙައްދުގެ ތެރޭގައި އުޅަނދުފަހަރުގެ ދުވެލި ބަހައްޓަންވާނީ، ގަޑިއަކު 2 ނޮޓުގައެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ކޮންޓެކްޓް ޒޯނުން ނުކުތުމަށް ގަޑިއަކު 5 ނޮޓަށްވުރެ ބާރަށް ދުއްވަން ޖެހިއްޖެނަމަ، ވީއެންމެ އަވަހަކަށް އެ ޒޯނުން ނުކުތުމުގެ ހުއްދަ ދީފައިވެއެވެ.

ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދުގެ ގޮތުގައި ހިމެނޭ "ސަމްޕާ" ސަރަހައްދަކީ، އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެކެވެ. ސަރަޙައްދު ބޮޑުވުމާއި، އެތަނަށް ވަދެ ނިކުމެވޭނެ ގިނަ މަގުތަކެއް ހުރުމުގެ ސަބަބުން، އާދައިގެ ގޮތްތަކަށް މި ސަރަޙައްދު ބެލެހެއްޓުމަކީ އިދާރީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.