ވޯލްޑް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ސައުތު ކޮރެއާއަށް ފުރައިފިއެވެ. މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ މުހައްމަދު ރަޝީދު އަދި ދުވުންތެރިޔާ ހުސްނާ މުހައްމަދެވެ.
ވޯލްޑް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ ސައުތު ކޮރެއާގެ ޑައެގޫގައެވެ.
މުހައްމަދު ރަޝީދާ ހުސްނާ މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައިވާއިރު މި ދެ އެޓުލީޓުންވެސް މުބާރާތުގައި ނެރެވޭ އެންމެ މޮޅު ނަތީޖާއެއްް ހޯދާ ރާއްޖެ ފަހުރުވެރިކޮށްދިނުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
މުބާރާތް އޮންނާނީ 22 އޮގަސްޓުން 03 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
ވޯލްޑް މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިއަހަރު ޖުމުލަ 11،000 އެތުލީޓުން ވާދަކުރާނެއެވެ. 90 ގައުމެއްގެ އެތުލީޓުން ވާދަކުރާ މި މުބާރާތުގައި ޖުމްލަ 34 އިވެންޓު ކުރިޔަށްދާނެއެވެ.
އޭގެތެރޭގައި 17 ޓްރެކް އަދި 11 ފީލްޑް އިވެންޓު ހިމެނެއެވެ.
ކޯޗު މުހައްމަދު ރަޝީދާއި ހުސްނާއަކީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ މާސްޓަރސް އެތުލެޓިކްސް މުބާރާތްތަކުން ރާއްޖެއަށް މެޑަލް ގެނެސްދީފައިވާ ދެ އެތުލީޓުންނެވެ.