ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި


  • މިއީ އެޤައުމުގެ ޑިމޮކްރެޓިކް ދަތުރުގައި ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރެއްވި

  • އައު ރައީސްގެ ޒަޢާމަތުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފުޅާވާނެކަމަށް ވިދާޅުވި

ބަންގްލަދޭޝްގެ އިންތިޚާބީ ރައީސް މިރުޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ވާދަވެރި ރިޔާސީ އިންތިޚާބެއް ބޭއްވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ އެޤައުމުގެ ޑިމޮކްރެޓިކް ދަތުރުގައި ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މިއީ އެމަނިކުފާނުގެ ޤާބިލުކަމާމެދު ރައްޔިތުން ކުރާ އިތުބާރު ހާމަވެގެންދިޔަ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ބަދަހި ގުޅުމަކީ ތާރީޚީ ގާތްކަމާއި، ސަރަޙައްދީ ހަމަޖެހުމާއި ތަރައްޤީއަށް ދެޤައުމުން ދޭ އަހައްމިއްޔަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އައު ރައީސްގެ ޒަޢާމަތުގައި ދެޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާވެ، ކުރިއަށް އޮތް އަހަރުތަކުގައި ގުޅުން އައު އިތުރަށް ބަދަހުވިވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި އިތުރަށް ވަނީ ބަންގްލަދޭޝްގެ ރައީސް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރްގެ ރިޔާސީ ދައުރުގައި ބަންގްލަދޭޝްއަށް ދާއިމީ ސުލްހައާއި، ތަރައްޤީއާއި، ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާފައެވެ.

މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރް އެ ޤައުމުގެ އައު ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ 2023 ވަނަ އަހަރު އަވާމީ ލީގުގެ ވެރިކަމުގައި ރައީސްކަމަށް އިންތިޚާބުވި، އަދި ޙަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ މުޙައްމަދު ޝަހާބުއްދީން، އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާ ގުޅިގެންނާއި ސިއްޙީ ޙާލަތު ހުރި ގޮތުން މިދިޔަ ޖުލައި މަހުގެ 24 ގައި އިސްތިޢުފާ ދެއްވުމުންނެވެ. ބަންގްލަދޭޝްގެ ޤާނޫނުއަސާސީ ބުނާގޮތުން ރައީސް އިސްތިޢުފާ ދެއްވާތާ 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރަންޖެހެއެވެ

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 78 އަހަރުގެ އާލަމްގީރް މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ ބުރާސްފަތި ދުވަހު ޤާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ. މި އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވީ 255 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި ޖަމާއަތު އިސްލާމީ އިސްވެ އުފައްދާފައިވާ 11 ޕާޓީގެ އިދިކޮޅު އިއްތިިޙާދުގެ ކެންޑިޑޭޓް، ރިޓަޔަރޑް ކާނަލް އޮލީ އަޙްމަދު އަށް ލިބިވަޑައިގަތީ 88 ވޯޓެވެ.

އާލަމްގީރް ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވީ، ޑާކާ ޔުނިވަރސިޓީގައި އިޤްތިޞާދީ ދާއިރާއިން ކިޔަވާވިދާޅުވަމުންނެވެ. އެގޮތުން 1969 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ހިންގި ޙަރަކާތުގައި ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ބީއެންޕީއާ ގުޅިވަޑައިގަތީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އޭނާ ވަނީ ލޯކަލް ގަވަރމަންޓް ވަޒީރުކަމުގެ އިތުރުން ދަނޑުވެރިކަމާއި، އޭވިއޭޝަން އަދި ފަތުރުވެރިކަމާބެހޭ ވަޒީރުކަން ވެސް ކުރައްވާފައެވެ.