ޚަބަރު

ޅ. އަތޮޅުގެ ޗެމްޕިއަނަކަށް ހިންނަވަރު


  • އަތޮޅުން ބައިވެރިވީ ހިންނަވަރާއި ނައިފަރު އެކަނި

  • ހިންނަވަރު މޮޅުވީ 1-2 އިން

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ހިންނަވަރުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރުން ހޯދީ ފައިނަލުގައި ނައިފަރުގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ ލިބި، ވާދަވެރިކަން ބޮޑުވި މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ހިންނަވަރުންނެވެ.

މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި.

މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ހިންނަވަރުން ލީޑުނެގިއިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު އަޝްރަފެވެ.

އޭގެ ހަ މިނެޓުފަހުން އަޙްމަދު އަތުވާން ޖަހައިދިން ލަނޑުން ނައިފަރުން މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު، ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ހިންނަވަރުން ދެވަނަ ލަނޑެއް ޖަހައި އަލުން ލީޑުނެގިއެވެ.

މިލަނޑު ވެސް އެޓީމަށް ޖަހައިދިނީ އަޝްރަފެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އަޝްރަފެވެ.

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ޅ. އަތޮޅުގެ ޗެމްޕިއަންކަން ހިންނަވަރުން ހޯދިއިރު، ޅ. އަތޮޅު މުބާރާތުގައި ބައިވެރިވީ ހިންނަވަރާއި ނައިފަރު އެކަންޏެވެ.

އެހެންކަމުން އަތޮޅު ޗެމްޕިއަންކަން ކަނޑައެޅުމަށް ކުޅުނީ ހަމައެކަނި ފައިނަލް މެޗެވެ.