ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޚަލާގެ މުއްދަތު އިތުރު ކުރުމަށް ޔަހޫދީން ހުށަހެޅުމުން އެ ހުށަހެޅުމަށް ޙަމާސުން ދެކޮޅު ހަދައިފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ވަނީ ޙަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒު ކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.
15 މަސް ދުވަހަށް ހަނގުރާމަ ދެމިގެން ދިޔުމަށް ފަހު ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޙަމާސާ ދެމެދު ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޙަމާސުން ގެންދިޔަ އަސީރުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް ޔަހޫދީން ވަނީ އެއްބަސްވެފައެވެ. އެ އެެއްބަސްވުމުގެ ފުރަތަމަ މަރުޚަލާގައި ޔަހޫދީ ޖަލުތަކުގައި ތިބި 2000އެއްހާ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ޙަމާސުން ވަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ 33 އަސީރުން މިނިވަން ކޮށްފައެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުޚަލާ ނިމުމަކަށް އައުމުން ދެވަނަ މަރުޚަލާއަކާ ގުޅޭގޮތުން ގޮތެއް ނިންމުމަަށް މަޝްވަރާ ކުރުމަށް އޮތީ ނިންމާފަައެވެ. ނަމަވެސް ޔަހޫދީން ބޭނުންވީ ދެވަނަ މަރުޚަލާއަކަށް ނުގޮސް ފުރަތަމަ މަރުޚަލާގެ މުއްދަތު އިތުރު ކުރުމަށެވެ. ޙަމާސުން ބުނީ ޔަހޫދީން ބޭނުންވީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޚަލާ ކުރިން އެއްބަސްވެފައިވާ 42 ދުވަހަށް ވުރެ އިތުރު ކޮށް, ރަމަޞާން މަސް ހިމެނޭހެން އިތުރު 42 ދުވަހަށް އެ މަރުޚަލާގެ މުއްދަތު އިތުރު ކުރާށެވެ. ނަމަވެސް ޙަމާސުން ބޭނުން ވަނީ ދެވަނަ މަރުޚަލާއާ ގުޅޭ މަޝްވަރާތައް ވީ އެންމެ އަވަހަށް ފަށައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަަސްވުމަކާ ހަމައަށް އައުމަށް ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ. ނަމަވެސް އެ ފަދަ މަޝްވަރާއެއް އެ ޖަމާޢަތާއެކު ކުރިއަށް ނުދާ ކަމަަށް ވެސް ޙަމާސުން ބުނެއެވެ. ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމަށް ޙަމާސުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ޖަމާޢަތުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އެއްބަސްވުމަކާ ހަމައަށް ނާދެވި ފުރަތަމަ މަރުޚަލާގެ 42 ދުވަސް ހަމަވުމުން ދެެން ކަންތައް ވެގެން ދާނެ ގޮތެއް ބުނަން ދައްެޗެވެ. ޕަލަސްޓީނިއަން އޮތޯރިޓީ, ޕީއޭގެ އިސް ބޭފުޅުން ވެސް ވަނީ ރާވާފައިވާ ގޮތަށް ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ މަރުޚަލާތައް ކުރިއަށް ދިޔުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ. ޣައްޒާގެ އެއްވެސް ރައްޔިތަކު އަލުން އަނބުރާ ހަނގުރާމައިގެ ޙާލަތަށް ދިޔުމަށް ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅވިއެވެ.
ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމް ކުރުމުގައި އިސް ދައުރެއް ޢަދާ ކުރި ޤަޠަރާއި މިޞްރުން ވަނީ ދެވަނަ މަރުޚަލާއެއް ފެށުމާ ގުޅޭގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ޙައްލެއް ހޯދުމަށް އިތުރު ވަގުތު ދިނުމަށް ހުށަހަޅާފައެވެ. އެމެރިކާގެ ވާގިވެރިކަމާއެކު ކުރިއަށްދާ މަޝްވަރާތައް ރަނގަޅު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ދެވަނަ މަރުޚަލާއަކަށް ދެވޭނެ ކަމަށް ބެލެވޭތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ކަންތައްތައް ވެގެން ދާނެ ގޮތް އެކަކަށް ވެސް ނޭނގޭނެ ކަމަށެވެ.
ދެވަނަ މަރުޚަލާއާ ގުޅޭ މަޝްވަރާތައް އުނދަގޫވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޣައްޒާ ހިންގާނީ ކޮންބައެއްތޯއާއި ޣައްޒާ އަލުން އާރާސްތު ކުރާނީ ކިހިނެތްތޯ އާއި އެ ކަމަށް ޚަރަރު ކުރާނީ ކޮން ބައެއްތޯ ފަދަ މުހިންމު ސުވާލުތަކަށް ޖަވާބު ހޯދުން އުނދަގޫވުން ހިމެނެއެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެނެސް ޒަމާނީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހުށަހަޅާފައެވެ. ނަަމަވެސް ޢަރަބި ޤައުމުތަކުން ވަނީ އެ ހުށަހެޅުމާ މެދު ހިތްހަމަ ނުޖެހި ރުޅިގަފަ ވެފައެވެ. ނަމަވެސް ޣައްޒާއާ ގުޅޭގޮތުން ޢަރަބި ޤައުމުތަކުން ގެންގުޅޭ ޚިޔާލު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ވިލާތުގެ ޤައުމުތަކުން ވެސް ވަނީ ފަލަސްޠީނުގެ ރައްޔިތުން އެހެން ސަރަޙައްދަކަށް ބަދަލުކުރުމާ ދެކޮޅު ހަދައިފައެވެ.