މާލެ އަތޮޅުގެ 3 ރަށަކުން ވިއްސާރާގައި ގެއްލުންވެގެން ކަމާބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް މިވަގުތު ކުރަމުންދާ ވިއްސާރާއާއި ގުޅިގެން، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުންނެވެ.
ވަޒީރު ވިދާޅުވީ މިވަގުތު ކުރަމުންދާ ވިއްސާރާގައި މާލެ ސަރަހައްދުގައި ފެންބޮޑުވުމުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރީގެ ހައުސިން މިނިސްޓްރީ ސަރަހައްދުން ވެލި ބަސްތާ ތައްޔާރުކޮށް މާލެ އެކި ސަރަހައްދުތަކުގައި ޖެހުމަށް މިހާރު ފޮނުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިވަގުތު މިހުރީ މާފަންނު ކޮޅުގައި، ކުރީގެ ހައުސިން މިނިސްޓްރީ ސަރަހައްދުގައި. މިތަނުގައި އަޅުގަނޑުމެން ތައްޔާރުކޮށްފައި ހުރި ވެލި ގޯނިތައް ދަނީ މާލޭގެ އެކި ސަރަހައްދުތަކަށް ދެމުން. މާލޭގެ އެކި ހިސާބުތަކުގައި ޕޮލިހާއި އެމްއެންޑީއެފް ގުޅިގެން ޑީވޯޓަރިން ޕަންޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެބަކުރިއަށްދޭ. މިމަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން އެބަ ބައްލަވާ އަދި އިރުޝާދުތައް ދަނީ ދެއްވަމުން. " ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ އިތުރުން މާލެ އަތޮޅުގެ 3 ރަށެެއްގައިވެސް ފެންބޮޑުވެން ރިޕޯޓް ކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިރަށްތަކަށް އެހީވުމަށްވއިދާރާތަކުން މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިވަގުތު މާލެ އެކަންޏެއް ނޫން. މާލެ ސަރަހައްދުގެ އެހެން ރަށްތައްވެސް ވަރަށް ގޯސް. މާލެ އަތޮޅު ހުރާ އެއްކޮށްކަހަލަ ގޮތަކަށް ފެނު އަޑީގައި. ހިއްމަފުށި އެކަހަލަ ހާލަތެއްގައި ގުރައިދޫވެސް އެކަހަލަ ހާލަތެއްގައި. ހުރިހާ ރަށެއްވެސް އެހެން އެކަމަކު މިއީ އެންމެ ގޯސްކޮށް ފެނުނު ރަށްތައް. އެރަށްރަށަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ޓީމުތައް ދަތުރުކުރަމުންދަނީ. އެގޮތުން ހުރާ ހިމަފުއްޓަށް އަދި ގުރައިދޫއަށް ދަތުރުކުރަމުން ދަނީ. މާލޭގެ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން. " ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
މިމަސައްކަތުގައި ސަރުކާރުގެ އިލްތިމާސަކީ ކަމާއި ގުޅުންހުރި އިދާރާތަކުން ނެރޭ އިލްތިމާސްތަކަށް ސަމާލުކަން ދިނުންނަކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.