ޚަބަރު

ރެއާލް މެޑްރިޑް ބަލިވެ އެއްވަނަ ހޯދުމުގެ ފުރުސަތު ނަގާލައިފި


ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ، ތާވަލުގެ އެއްވަނަ މަގާމު އަލުން ހޯދުމުގެ ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

ލީގުގައި މިހާތަނަށް އެއް މެޗު އިތުރަށް ކުޅެ 26 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް 25 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުން ވަނީ އެއްވަނަ މަގާމް ލިބިފަ އެވެ. އެހެންކަމުން މި ހަފްތާގައި ބާސެލޯނާ ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ އެ ޓީމަށް ތިން ޕޮއިންޓުގެ ލީޑެއް ލިބިގެންދާނެ އެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު މެނުއެލް ޕެލެގްރީނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބެޓިސް މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 26 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމު ލިބިފަ އެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ރެއާލް މެޑްރިޑް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާފަ އެވެ. އެގޮތުން މެޗުގެ 10 ވަނަ މިނިޓުގައި ބްރާހިމް ޑިއާޒް ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

އަދި މި ލަނޑަށްފަހުވެސް ރެއާލް މެޑްރިޑަށް ވަނީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް މެޗުގެ 34 ވަނަ މިނިޓުގައި ބެޓިސްގެ ޖޮނީ ކާޑޯސޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ރެއާލްގެ އެންޓޯނިއޯ ރުޑިގާ ބެޓިސްގެ ޖީސަސް ރޮޑްރިގޭޒް އަށް ފައުލް ކުރުމާއި ގުޅިގެން ބެޓިސް އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފަ އެވެ.

ބެޓިސް އަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ އިސްކޯ އެވެ. މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު ޖަހަން މަގު ތަނަވަސްކޮށްފައިވަނީވެސް އިސްކޯ އެވެ.

ރެއާލް މެޑްރިޑަށް 353 މެޗު ކުޅެދީ 53 ގޯލު ޖަހައިދީފައިވާ އިސްކޯ ބެޓިސް އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ސެވިއްޔާގައި ކުޑަ ދުވަސްކޮޅެއް ހޭދަކުރުމަށްފަހުގަ އެވެ. މިއީ މި ސީޒަނުގައި އިސްކޯ ޖެހި ހަވަނަ ލަނޑެވެ.