ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު ބާސެލޯނާއިން އަލުން ހޯދައިފިއެވެ.
ލީގުގައި ބާސެލޯނާ މި ސީޒަނުގައި މިހާތަނަށް ކުޅުނު 26 މެޗުން 57 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު އަލުން ހޯދިއިރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. އަދި ބާސެލޯނާ އާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 54 ޕޮއިންޓާއެކު ތިންވަނަ އެވެ.
ބާސެލޯނާގެ ދަނޑުގައި ސާޅީސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 17 ވަނަ މިނިޓުގައި ރެއާލް ސޮސިއެޑާޑްގެ އަރިޓްޒް އެލުސްޓޮންޑޯ އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ރެފްރީ އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ޑެނީ އޮލްމޯ އަށް ފައުލް ކުރުމާއި ގުޅިގެންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ސޮސިއެޑާޑް އިން ކުޅެމުން ދިއުމުގެ ފައިދާ ނަގާ ބާސެލޯނާއިން ވަނީ މެޗުގެ 25 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑެނީ އޮލްމޯގެ އެސިސްޓަކުން ގެރާޑް މާޓިން އެވެ.
އަދި އޭގެ ތިން މިނިޓް ފަހުން މާކް ކަސާޑޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑު ކޮށްފަ އެވެ. ކަސާޑޯ އަށް މި ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދީފައިވަނީ ޑެނީ އޮލްމޯ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ބާސެލޯނާގެ ރޮނަލްޑް އަރައުހޯ ވަނީ ރަފީނިއާ ނަގައިދިން ކޯނަރަކުން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.
ބާސެލޯނާ އިން މި ލަނޑު ޖެހިތާ ތިން މިނިޓު ފަހުން ހެންސީ ފްލިކް ވަނީ އެ ޓީމަށް އެއް ފަހަރާ ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ޕެޑްރީ އާއި ރަފީނިއާގެ އިތުރުން ޕާއު ކުބާސީގެ ބަދަލުގައި ފްރެންކީ ޑިޔޮންގް އާއި ފެރަން ޓޮރޭސް އަދި އެރިކް ގާސިއާ ވަނީ ކުޅެން އަރުވާފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރޮބަޓް ލެވަންޑޯސް ކީ އެވެ.