އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ "ހުވަން" ލޯންޗު އަޑިއަށްދިޔަ ހާދިސާގައި އެ ލޯންޗުގައި ދަތުރުކުރި މީހުން ސަލާމަތްކުރުމުގައި ފުލުހުން ދެއްކީ ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ނަމޫނާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހުވަން ލޯންޗު އަޑިއަށްދިޔައީ ދިގުރަށުން މާލެއަށް ދަތުރުކުރަމުންދަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 7:57ގައި ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ޚިދުމަތުގެ އިމަރޖެންސީ ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގިއިރު ލޯންޗުގައި ހަތަރު ކުޑަ ކުރިން ހިމެނޭހެން 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ތިއްބެވެ. ލޯންޗުގައި ދަތުރުކުރަމުންދިޔަ އެންމެން ސަލާމަތްކޮށް، އދ. ދިގުރަށަށް ވަނީ ގެންގޮސްފައެވެ.
48 މީހުން ދަތުރުކުރި ” ހުވަން“ ލޯންޗު އަޑިއަށްދިޔަ ހާދިސާގައި ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ދިވެހި ފުލުން ދެއްކެވި ހިއްވަރާއި ކެރުމާއި ސާބިތުކަމަކީ ފުލުހުންގެ މުއައްސަސާއަށް ޒިއްމާވާ ވަޒީރުގެ ހައިސިއްޔަތުން… pic.twitter.com/zSde58jJgw
— Minister of Homeland Security & Technology (@min_mohst) March 3, 2025
މި ހާދިސާއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އެ ހާދިސާގައި ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދިވެހި ފުލުހުން ދެއްކެވީ ހިތްވަރާއި ކެރުމާއި ސާބިތުކަން ކަމަށެވެ. އަދި އެ މުއައްސަސާއަށް ޒިންމާވެވަޑައިގަންނަވާ ވަޒީރުގެ ހައިސިއްޔަތުން ފަޚުރުވެރިވެރިކަމާއެކު އެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނަށް، އަދި މުޅި ފުލުހުންގެ މުއައްސަސާއަށް ޝުކުރާއި ތައުރީފު އަދާކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއީ ޤައުމީ ޚިދުމަތުގައި ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާއެއް ކަމަށްވެސް ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ހުވަން ލޯންޗުން ދަތުރުކުރި މީހުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުވެސް ވަނީ ގުޅުއްވައި ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާކަމަށާއި އަދި އެ މަސައްކަތާމެދު ފަހުރުވެރިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.