ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅައިފިއެވެ. ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ ލޮރީތައް ޣައްޒާއަށް އެތެރެވުން ހުއްޓުވުމާ އެކު، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ި ކަމަށް ޙައްލެއް ހޯދައިދިނުމަށް އެދި ޤަޠަރާއި މިޞްރުގެ ކިބައިން އެދިފައެވެ. ޔަހޫދީންނާއި ޙަމާސާ ދެމެދު ބާއްވަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަނީ އެ ދެ ޤައުމުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޤަތުލުޢާންމެއް ހިންގަން ފަށާފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. 15 މަހަށް ފަހު ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި 33 އަސީރުން މިނިވަން ކޮށްފައެވެ. އަދި، އޭގެ ބަދަލުގައި ޔަހޫދީން ވެސް ވަނީ ޖަލުތަކުގައި ބަންދުކޮށް ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 2,000އެއްހާ މީހުން މިނިވަން ކޮށްފައެވެ. މިއާ އެކު، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް ނިމިފައިވާއިރު، ޔަހޫދީން މިހާރު ދަނީ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ތަންފީޒު ކުރަން ފެށުމަށް ދެކޮޅު ހަދަމުންނެވެ.
އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފެށުމުގެ ބަދަލުގައި ޔަހޫދީން ހުށަހަޅާފައި ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރުމަށެވެ. މި ގޮތުން، މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ނިމި، އޭޕްރިލް 20ވަނަ ދުވަހާ ހިސާބުގައި ފާހަގަ ކުރާ ޔަހޫދީންގެ ޢީދެއް ނިމެންދެން ޢުދުވާން މެދުކަނޑައިލުމަށް އިސްރާއީލުން ވަނީ ހުށަހަޅާފައެވެ. މިއީ، ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމާ ޚިލާފުވެ، އައު އެއްބަސްވުމެއް އެކުލަވައިލުމަށް ޔަހޫދީން ހުށަހަޅާފައިވާ އަައު ހުށަހެޅުމެކެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް މި ހުށަހެޅުމަށް ތާޢީދު ކުރާ ކަމުގައި އެ މީހުން ބުންޏެވެ.
ޔަހޫދީން ބުނީ، އިތުރު 42 ދުވަހަށް އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރި ނަމަވެސް، ޙަމާސްގެ ބެލުމުގެ ދަށުގައި ބާކީ ތިބި އަސީރުން މިިނިވަން ކުރަން ޖެހޭނެ ކަމުގައެވެ. މި ގޮތުން، އައު އެއްބަސްވުމަށް އަމަލު ކުރަން ފަށާ ފުރަަތަމަ ދުވަހު އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ދިރިތިބި އަސީރުންނާއި މަރުވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނާއި ހަށިތައް ޙަވާލު ކުރަން ޖެހޭނެ ކަމުގައެވެ. އަދި، ބާކީ ތިބި މީހުން ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމާ އެކު ޙަވާލު ކުރަން ޖެހޭނެ ކަމުގައެވެ.
ނަމަވެސް، ޙަމާސުން ދަނީ މި ހުށަހެޅުމަށް އާނބަސް ބުނުމަށް ދެކޮޅު ހަދަމުންނެވެ. އެ ޖަމާޢަތުން ބުނީ، ޖަނަވަރީ 19ވަނަ ދުވަހުން ފެށިގެން އަމަލު ކުރަމުންދާ އެއްބަސްވުމަށް އިޙުތިރާމުކޮށް، އެ އެއްބަސްވުން ދެމެހެއްޓުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި، 42 ދުވަހަށް އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރަން ބޭނުން ނުވާ ކަމަށާއި، ކުރިން އެއްބަސްވެފައިވާ ގޮތަށް، އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފެށުމަށް ތައްޔާރަށް އޮތް ކަން ވެސް އެ ޖަމާޢަތުން ހާމަކުރިއެވެ.
ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ މަޙްމޫދު މަރްދާވީ ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ އެއްބަސްވުމުގައިވާ ތާވަލާ އެއްގޮތަށް އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. މިޞްރުގެ މަޞްދަރުތަކުން ވެސް ބުނީ 42 ދުވަހަށް ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރަން ޔަހޫދީން ބޭނުންވި ނަމަވެސް، ޙަމާސުން އެ ކަމަށް އިންކާރު ކޮށްފައިވާ ކަމުގައެވެ.
ޣައްޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމަށް ފަހު، ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ބުނީ، ޣައްޒާގެ އުތުރާއި ދެކުނުގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ޙަމަލާތަކެއްގައި ހަތަރު މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ މީހުން ޝަހީދު ކޮށްލުމަށް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފައެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ދަނީ ޔަހޫދީންގެ އައު ހުށަހެޅުމަށް ޙަމާސް އެއްބަސްކުރުވުމަށް މަޖުބޫރު ކުރުވަމުންނެވެ. ޔަހޫދީންގެ އައު ހުށަހެޅުމަށް އިންކާރު ކުރަމުންދާ ނަމަ، އޭގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ އޭނާގެ އޮފީހުން ވަނީ ޙަމާސަށް އިންޒާރު ދީފައެވެ. މިއީ، މަޖުބޫރުކޮށް، މިހާރު އަމަލު ކުރަމުންދާ އެއްބަސްވުން ބަޣާވާތަކުން ރޫޅައިލުމުގެ އަމަލެއްގެ ގޮތުގައި ޙަމާސުން ވަނީ ސިފަ ކޮށްފައެވެ.
ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަހްރީ ވިދާޅުވީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އެޅުމަކީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ މަޝްވަރާތަކަށް ނޭދެވޭ އަސަރު ކުރާނެ އަމަލެއް ކަމުގައެވެ. އަދި، ޙަމާސަކީ ފިއްތުންތަކާއި ޕްރެޝަރަށް ބޯލަނބާނެ ޖަމާޢަތެއް ނޫން ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.