ޚަބަރު

މީދޫ ކައުންސިލުން ބާއްވާ އިޙްޔާ ފޯރަމްތަކަށް ވަޒީރު ޝަހީމްގެ ތަޢުރީފް


  • މިރަމަޟާން މަހުވެސް 4 އިޙްޔާ ފޯރަމް ބާއްވަން ވަނީ ނިންމާފައި

  • މިއަހަރު އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބާއްވާނެ

ރ. މީދޫ ކައުންސިލުން ބާއްވާ އިޙްޔާ ފޯރަމްތަކާ ގުޅިގެން އެ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޢުރީފްކުރައްވައިފިއެވެ.

ރ. މީދޫ ކައުންސިލުން މިދިޔަ އަހަރެކޭ އެއްގޮތަށް މި ރަމަޟާން މަހުވެސް 4 އިޙްޔާ ފޯރަމް ބާއްވަން ވަނީ ނިންމާފައެވެ. މިއީ އެރަށު ކައުންސިލާއި އުންމީދު ޖަމްޢިއްޔާއިން ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.

މީދޫ ކައުންސިލުން ވިދާޅުވީ، މި އަހަރުގެ އިޙްޔާ ފޯރަމް ބާއްވަން ހަމަޖެހިފައިވަނީ އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ދީނީ މަޢުލޫމާތު ދިނުމުގެ ސެޝަންތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ދީނީ ޢިލްމުވެރިން މެދުވެރިކޮށް އެކި މަޢުޟޫޢުތަކަށް ވާހަކަދެއްކުމާއި، މަޢުލޫމާތުދިނުން ހިމެނެއެވެ. އަދި އެ މަޢުޟޫއަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު އާއްމުންނަށްދީ، އާންމުންގެ ބައިވެރިވުން ފުރިހަމައަށް ހިމެނޭގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

މީދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވަނީ ކައުންސިލުގެ މަސައްކަތްތަކަށް ސާބަސް ދެއްވާ ހިތްވަރު ދެއްވާފައެވެ.

މި ފޯރަމްގެ މަޤްޞަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުންކަމަށް އެ ރަށު ކައުންސިލުން ވިދާޅުވިއެވެ. މި ފޯރަމްގައި ރަމަޟާން މަހު އަމަލުތައް ބަހައްޓަންވީ ގޮތާއި، އަޅުކަންކުރުމުގައި ސަމާލުވާންވީ ކަންކަން ފަދަ މަޢުލޫއުތަކަށް ވާހަކަދެކެވިގެންދާނެއެވެ.

މީދޫ ކައުންސިލުން ވިދާޅުވީ، މި އަހަރުގެ އިޙްޔާ ފޯރަމްގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވާނީ ރާއްޖޭގައި ތިބި ޤާބިލު ޢިލްމުވެރިންކަމަށެވެ.

މީދޫގައި ބާއްވާ ފޯރަމްގައި ތަޤްރީރުދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް:

• ޑރ. އާދަމް ޝަހީމް - މާރިޗު 7
• އައްޝަހިޚް އަޙްމަދު ސަމީރު - މާރިޗު 14
• އައްޝައިޚް ސާޖިދު މުޙައްމަދު - މާރިޗު 20
• އައްޝައިޚް އާޒިމް ޚާލިދު - މާރިޗު 25

ރ. މީދޫ ކައުންސިލުން ވިދާޅުވީ މި އަހަރުގެ އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހާ ދިމާކޮށް އަތޮޅުތަކުގެ ރަށްތަކުގައި އިޙްޔާ ފޯރަމަތައް ބާއްވަން ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރު އަތޮޅުތަކުގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބާއްވަން ހަމަޖެހިފައިވާއިރު މީގެތެރޭގައި ރ. މީދޫވެސް ހިމެނެއެވެ. މި މަހުގެ 25 ވަނަ ދުވަހު މީދޫގައި ބާއްވާ ފޯރަމްގައި ތަޤްރީރުދިނުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އާޒިމް ޚާލިދުއެވެ.