ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިރޭ ވަރުގަދަ މެޗުތަކެއް ކުޅޭނެ އެވެ.
އެގޮތުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ސްޕެއިންގެ ގަދަ ދެ ބާރު ކަމުގައިވާ އެތްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ އާސެނަލް އާއި ދެކޮޅަށް ޕީއެސްވީ ކުޅޭ މެޗުވެސް ފާހަގަ ކޮށްލެވެއެވެ. އަދި ގިނަ އަހަރު ތަކަކަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ދެވަނަ ބުރުގައި ކުޅޭ އެސްޓަން ވިލާ ކްލަބް ބްރޫގް އާއި ދެކޮޅަށް ނިކުންނައިރު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ނިކުންނާނީ ފްރާންސްގެ ލިލް އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިން ދެވަނަ ބުރުގެ ޕްލޭއޮފްގައި މެންޗެސްޓަރ ސިޓީ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމާއި ދެކޮޅަށް ނިކުންނަ އެތްލެޓިކޯ މެޑްރިޑް މިވަގުތު އޮތީ ވަރަށް ރަގަޅު ފޯމެއްގަ އެވެ.
އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާއިން މިރޭ ކްލަބް ބްރޫގް އާއި ދެކޮޅަށް ނިކުންނައިރު ލީގު ބުރުގައި އެސްޓަން ވިލާ ވަނީ ބްރޫގް އަތުން ބަލިވެފަ އެވެ. މިއީ އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެސްޓަން ވިލާ ބަލިވި ދެ މެޗުގެ ތެރެއިން އެއް މެޗެވެ.
މި މެޗަށް ނިކުންނައިރު އެސްޓަން ވިލާއިން ވަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް މާކަސް ރަޝްފޯޑްގެ އިތުރުން އަސެންސިއޯ އެ ޓީމަށް ގެންގޮސްފަ އެވެ. އަދި ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުގައިވެސް މި ދެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
އިނގިރޭސިވިލާތުގެ އާސެނަލް އާއި ދެކޮޅަށް ނިކުންނަ ނެދަލޭންޑްސްގެ ޕީއެސްވީ އަކީ ޑަޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. އަދި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ވަރުގަދަ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު ޕީއެސްވީ އިން ވަނީ 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
ނަމަވެސް މީގެ ކުރިން މި ދެ ޓީމު ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން ފަހަރުވެސް އާސެނަލް ވަނީ ޕިއެސްވީ ބަލިކޮށްފަ އެވެ. އެގޮތުން މި ދެ ޓީމު ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ ސީޒަނުގަ އެވެ. އެ މެޗުން އާސެނަލް މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ނިކުންނައިރު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނި އިދިކޮޅަށް ނިކުންނަ ޓީމަކީ ކިހާވަރެއްގެ ޓީމެއްކަން އެނގޭ ކަމަށާއި މި މުބާރާތުގެ ދެވަނަ ބުރުގައި ބަލި އެއްވެސް ޓީމެއް ނޯންނާނެ ކަމަށާއި އެހެންކަމުން މިއީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ޖަރުމަނުގެ ބުންޑެސްލީގާގެ 10 ވަނައިގައި މި ވަގުތު ބޮރޫޝިޔާ ޑޯޓްމަންޑް އޮތް ނަމަވެސް ޗެމްޕިއަންސް ލީގުގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ބުންޑެސްލީގާގައި އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުން މޮޅުވެ ޖުމްލަ 8 ލަނޑު މި ދެ މެޗުގައި ޖަހާފައިވާއިރު އެ ޓީމު އޮތީ މި މެޗަށް ނިކުންނައިރު ރަގަޅު ފޯމެއްގަ އެވެ. އަދި އިދިކޮޅަށް ނިކުންނަ ފްރާންސްގެ ލިލް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމު ވަނީ ޕީއެސްޖީ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.