ޚަބަރު

މާލޭގައި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި


  • 84 ވޭޕް ކާޓްރިޖާއި، ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވޭ

  • ގަލޮޅުގައި ހުރި ފިހާރައެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ

މާލޭގައި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރާކަަމަށް ފުލުުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަބޫ ސުފްޔާންއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރާކަަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ، ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖާއި، ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަބޫ ސުފްޔާން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، އެ ފިހާރަ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނުގައި، ސިއްޙަތާ ބެހޭ ވުޒާރާއާއި އިޤުތިޞާދީ ތަަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންވެސް ބައިވެރިވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ރައީސްގެ މި ނިންމެވުން ތަންފީޒްކުރެއްވުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އިސްލާޙުކޮށް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ޑިސެންބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން 2024 ޑިސެންބަރުމަހު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި މި ގެއްލުންހުރި ޢަމަލުކުރާ މީހުންނާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒްކުރަންވެސް ވަނީ ފަށާފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ، 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މީގެ އިތުރުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ މިޤައުމުގެ ރައްޔިތުންގެ މެދުގައި ހަރުދަނާކަމާއި ހުނަރުވެރިކަމާއި އުފެއްދުންތެރިކަން އަށަގެންނެވުމަށް ނިންމެވި ނިންމެވުމެކެވެ. އެއީ ދުޅަހެޔޮކަމާއި ޚުލްޤުވެރިކަމާއި މުރާލިކަން ދިވެހިންގެ މެދުގައި އަށަގެންނެވުމަށް އެޅުއްވި ފިޔަވަޅެކެވެ.