ޚަބަރު

އޮޕަރޭޝަން ކުރަނގީގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއް މިރޭ ފަށަނީ


  • ބިދޭސީންގެ ބައޯމެޓްރިކްސް އެއްކުރުމަށް ހަމަޖެހިފައިވަނ ރެހެންދި ސްކޫލް ހޯލުގައި

  • އަންނަ އޭޕްރީލް މަހުގެ 20 ގެ ކުރިން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓުކުރާނެ

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މާލޭ ސަރަހައްދުގައި މިރަމަޟާންމަހު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ ވަޒީފާ ދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލޭ ފޭސް 1ގެ ރެހެންދި ސްކޫލުގައި މިރެއިން ފެށިގެން ޝައްވާލުމަހުގެ 7ވަނަ ދުވަހާ ހަމައަށް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ ބައޯމެޓްރިކްސް އެއްކުރުމަށް މަސައްކަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 21:30އިން 00:30އަށް މަޢުލޫމާތު އެއްކުރުން ކުރިއަށްދާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ރެހެންދި ސްކޫލްގެ އިތުރުން އެން.ސީ.އައި.ޓީ ގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑެކްސްގެ އިތުރުން ކަލާފާނު ސްކޫލްގެ ހޯލްގައިވެސް ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް މިމަހުގެ 9ވަނަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ 7 ވަނަ ދުވަހާ ހަމއަށް ކުރިއަށްދާނެ ކަމަސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ. އެގޮތުން މި ތަންތަނުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30އިން 16:00އަށް އަދި ރޭގަނޑު 21:30އިން 23:30އަށް ބައޯމެޓްރިކްސް ނެގުމަށްވަނީ ހަމަޖެހިފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މިއޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައިވެސް ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އަދި އަންނަ އޭޕްރީލް މަހުގެ 20 ގެ ކުރިން
ބަޔޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.