ކުޅިވަރު

ރަމަޟާން 7ވީ7 ލީގު: ބީޖީ، ޕީކޭ އަދި ސޮކަރ ވެޓެރަންސްއަށް މޮޅެއް


މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގައި މިއަދު ކުޅުނު މެޗުތަކުން ބީޖީ ސްޕޯޓްސް ކުލަބާއި، ކުލަބު ޕީކޭ އަދި ސޮކަރ ވެޓެރަންސް މޮޅުވެއްޖެއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި މިއަދު ވެޓެރަންސް ކެޓެގަރީގެ ދެ މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުން ބީޖީ މޮޅުވީ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުންނެވެ. އަދި މި ކެޓެގަރީގައި ޕީކޭއިން ވަނީ ލެގޫންސް ސްޕޯޓްސް ކުލަބު އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއީ ޕީކޭއިން މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ. މީގެ އިތުރުން މި މުބާރާތުގެ މާސްޓަރސް ކެޓަގަރީގައި މިއަދު ހަވީރު ކުޅުނު މެޗުން ސޮކަރ ވެޓެރަންސް މޮޅުވީ ހިނުސް އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

ޖުމްލަ 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުން ފެށިގެން ކުރިއަށްދާއިރު، މި މުބާރާތް ވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށް ޚާއްސަކޮށްފައެވެ.