ޚަބަރު

ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަސް ފާހަގަކުރުމަށް ސައިކަލު ބުރެއް


  • ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކާމިޔާބުކަމަށް ވަޒީރު ވިދާޅުވި

  • ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަސް ފާހަގަކުރަން ފެށީ 2018ވަނަ އަހަރު

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ސައިކަލު ބުރެއް ބާއްވައިފިއެވެ. މި ސައިކަލު ބުރު ކުރިއަށްގެންދިޔައީ ހެންވޭރު ހެދިގޮނޑުދޮށް ސަރަހައްދުން ފެށިގެން ރަސްފަންނަށެވެ.

ސައިކަލުބުރަށް ފަހު ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒިރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ރަމަޟާން މަހުގެ ހަވީރަކީ ގިނަ ދިވެހިން ފިނިކޮށްލުމަށް ހިނގާލައި، ސައުކަލު ދުއްވާ ވަގުތަކަށްވާތީ، މި ފަހަރުގެ ގައުމިއްޔަތު ދިރުވާ އާލާ ކުރާ ދުވަސް ރަމަޞާން މަހާއި ދިމާވުމުން ރޯދަމަހާ ގުޅުވައިގެން މި ޙަރަކާތްކުރިއަށް ގެންދިޔައީކަމަށެވެ. މިއީ އެންމެ އެކުގައި ވަގުތު ހޭދަކޮށްލުމާއި އަދި ދިވެހި ދިދަޔާއެކު ވަގުތު ހޭދަކޮށްލުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއްކަމަށެވެ. އެގޮތުން މި ދާއިރާއިން މުހިންމު 4 މަޝްރޫއެއް ހިނގަމުންދާކަމަށް ވަޒިރު ވިދާޅުވިއެވެ. އަދި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާކަމަށް ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ވަރަށް ކާމިޔާބުކަމަށާއި އެގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ޕްލޭންތައް ހެދުމާއި ދިރާސާތައް ހެދުމުގެ މަސައްކަތްތައްކަމަށް ވަޒިރު ވިދާޅުވިއެވެ.

"މިހާރު ބައެއް މަސައްކަތްތަކުގައި މި ހުރީ ބޭރުގެ ފަރާއްތަކާއި އެކު މަޝްވަރާކޮށްފައި. ދޭ ޔަގީންކަމަކީ ރައީސުލްޖުމްހޫރިއްޔާ ހަރުދަނާ ސިޔާސަތާއެކު މި ކަން ކަން ކުރެވެމުންދާއިރު ހަގީގަތެއްގެ ގޮތުގައި އުތީމު ތަކަންދޫ ސަރަހައްދުގައި ލޮލަށް ފެންނާނެ" ވަަޒީރު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަސް ފާހަގަކުރަން ފެށީ 2018ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރިޗް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހިންގެ ޤައުމިއްޔަތާ ގުޅުންހުރި އެކި ބަހާތައް ދިރުވައި އާލާކުރުމުގެ ޢަޒުމް އައުކުރުމަށެވެ.

ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި ދަައުލަތުގެ ބައެއް ވަޒީރުންނާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބޭފުޅުންނާއި އެކި މުއައްސަސާތަކުގެމުވައްޒަފުންނާއި އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.