ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮޑި ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ. ބުދަ ދުވަހުގެރޭ އެ ޓީމުން ފަރިތަކުރުންތައް ފެށިއިރު، އެ ކުލަބާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ޓްރަޔަލަށް ވަނީ ހުޅުވާލާފައެވެ.
އޮޑި ސްޕޯޓްސްއިން މާފަންނު ޓާފް ދަނޑުގައި ފަރިތަކުރުންތައް ފެށިއިރު، އެ ޓީމަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ފަރިތަކުރުންތައް ފެށި ދެވަނަ ޓީމެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި އޮޑި ސްޕޯޓްސްއިން ފަރިތަކުރުންތައް ފެށިއިރު، އެ ޓީމަށް މި ވަގުތު އިރުޝާދުދެމުން އަންނަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަޙްމަދު ފައްރާހު އާއި ފަރުހާދު އިސްމާޢީލެވެ. އެކަމަކު އަވަސް މުސްތަގުބަލެއްގައި ބިދޭސީ ކޯޗަކު އެ ކުލަބާ ގުޅޭނެ ކަމަށް މައުލޫމާތުލިބެއެވެ.
އޮޑި ސްޕޯޓްސްއިން ވަނީ އައު ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި ދެވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި، މީގެ ކުރިން ކުޅުން ހުއްޓާލި ނަމަވެސް އަލުން ކުޅުމަށް އެނބުރި އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް މުޙައްމަދު ރަޝީދު (ހޮކޭ) ގެ އިތުރުން، ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އަދި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ހިމެނެއެވެ.
މީގެ އިތުރުން ގައުމީ ޓީމުގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) އާއި، ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ މުޒްދާން ހަސަން އާއި، އިބްރާހީމް އިމްރާން (އިންމި) އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުރިން ކުޅުނު އައިހަމް އަޙްމަދު އަދި ހައިޝަމް ރަޝީދުވެސް ވަނީ އޮޑި ސްޕޯޓްސްއާ ގުޅިފައެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު، ދިވެހި ޕްރިމިއަރ ލީގު ފަށަނީ އެ މަހުގެ 10 ވަނަ ދުވަހުއެވެ.