ޚަބަރު

17 މަހަށްފަހު ނޭމާ އަލުން ބްރެޒިލްގެ ގައުމީ ޓީމަށް


ބްރެޒިލްގެ ގައުމީ ޓީމާ ދުރުގައި 17 މަސް ދުވަސް ހޭދަކުރުމަށްފަހު ތަޖުރިބާކާރު ފޯވާޑް ނޭމާ އަލުން ގައުމީ ޓީމަށް ނަގައިފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އުރުގުއޭ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ނޭމާގެ ކަކުލަށް ލިބުނު އަނިޔާއަށްފަހު އޭނާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.

ނޭމާއަށް ލިބުނު އަނިޔާއަށްފަހު އޭނާ ސައުދި އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވި ނަމަވެސް އެ ކްލަބުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން ނޭމަ އާއި އަލް ހިލާލާއި ދެމެދު މަޝްވަރާކޮށް ދެ ފަރާތުން އެއްބަސްވެ އެ އެއްބަސްވުން ވަނީ އުވާލާފަ އެވެ.

އަދި އޭގެ ފަހުން ނޭމާ ވަނީ އޭނާގެ ކުޑައިރުގެ ކްލަބް ކަމަށްވާ ސަންޓޯސްއަށް ސޮއިކޮށް އެ ކްލަބުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަންޓޯސް އަށް ބަދަލުވި ނޭމާ ބުނެފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅެން ބޭނުންވާ ކަމަށާއި އެހެންކަމުން އޭނާގެ ކުޅުން ރަގަޅު ކުރުމަށް ޔޫރަޕްގެ ކްލަބަކާއި ގުޅުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

އުމުރުން 33 އަހަރުގެ ނޭމާ ވަނީ ސަންޓޯސް އަށް މިހާތަނަށް ކުޅުނު ހަތް މެޗުގައި ތިން ލަނޑު ޖަހާ ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

ބްރެޒިލްގެ ގައުމި ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ދެވަނަ ކުޅުންތެރިއެއްގެ ގޮތުގައި ހުރީ 128 ކުޅެދީފައިވާ ނޭމާ އެވެ. އޭނާއަށްވުރެ ގިނަ މެޗު ގައުމީ ޓީމަށް ކުޅެފައިވަނީ 142 މެޗު ކުޅުނު ކުރީގެ ކެޕްޓަން ކަފޫ އެވެ އަދި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ނޭމާ ވަނީ 79 ލަނޑު ޖަހާފަ އެވެ. މިއީ ބްރެޒިލްގެ ލެޖެންޑް ޕެލޭއަށްވުރެ ދެ ލަނޑު އިތުރު އަދަދެކެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލް މި މަހުގެ 21 ވަނަ ދުވަހު ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުމަށްފަހު އޭގެ ފަސް ދުވަސް ފަހުން ރަށުން ބޭރުގައި ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ދެކޮޅަށެވެ. ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ ފަސްވަނަ މަގާމުގައި މިވަގުތު އޮތް ބްރެޒިލް އަށް 12 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.