އަންނަ މަހު ސައުދީ އަރަބިއްޔާގެ ދައްމާމުގައި ބާއްވާ 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ގެންދާ ގައުމީ ޓީމު ފައިނަލްކުރުމަށް ބޭއްވި ޓްރަޔަލްސްގައި ދެ އެތުލީޓަކު ގައުމީ ރިކޯޑު ހަދައިފިއެވެ.
މިދިޔަ މަހު ބޭއްވި ޓްރަޔަލްސްއިން އާއިދު އަބްދުﷲ ރިފާޢު ވަނީ ފިރިހެނުންގެ 1500 މީޓަރު ދުވުމުގެ 18 އަހަރުން ދަށުގެ ގައުމީ ރިކޯޑު ހަދާފައެވެ. އޭނާ މި ރިކޯޑު ހަދާފަވަނީ ހަތަރު މިނެޓު 27.87 ސިކުންތުންނެވެ. ކުރިން މި ރިކޯޑު އޮތީ އަޒްހާން ވަހީދުގެ އަތުގައެވެ. އޭނާ ރިކޯޑު ހަދާފައިވަނީ 2011 އަހަރު 18 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ހަތަރު މިނެޓު 27.87 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން މި ޓްރަޔަލްސްގައި ޔޫސުފް ނައިކު ވަޖީހު ވަނީ އުސް ފުންމުމުގެ 20 އަހަރުން ދަށުގެ ގައުމީ ރިކޯޑު ހަދާފައެވެ. އޭނާ ރިކޯޑު ގާއިމުކުރީ 1.80 މީޓަރަށް ފުންމައިގެންނެވެ. ކުރިން މި ރިކޯޑު އޮތީ 2007 ވަނަ އަހަރުގެ އިންޓަރ ސްކޫލް ޗެމްޕިއަންޝިޕުގައި ވާދަކޮށް 1.78 މީޓަރަށް ފުންމި އަބަދުލް މަޖީދު އާދަމްގެ އަތުގައެވެ.
18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ ސައުދީ އަރަބިއްޔާގެ ދައްމާމުގައި އޭޕްރީލް މަހުގެ 15 އިން 18 އަށެވެ. މި މުބާރާތަށް އަންނަ މަހު ރާއްޖޭގެ ޓީމު ސައުދީ އަރައްބިއްޔާއަށް ދާނެއެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ރައިން މުޙައްމަދާއި، އައިމިނަތު ލުހުޔާ އަޙްމަދާއި، ޒީކް އަޝްރަފް ރަޝީދާއި، އަހުނަފް ރައްޔާން ފަހުމީ އަދި ޔޫސުފް ނައިކް ވަޖީހެވެ.
މި ފަހަރުގެ މުބާރާތުގެ ޓްރެކް އެންޑް ފީލްޑް އިވެންޓުތަކުގެ ތެރޭގައި 100 މީޓަރާއި، 200 މީޓަރާއި، 400 މީޓަރާއި، 800 މީޓަރާއި، 1500 މީޓަރު އަދި 3000 މީޓަރު ދުވުމާއި، 110 މީޓަރު އަދި 400 މީޓަރު ހާޑްލްސް އާއި، 2000 މީޓަރު ސްޓީޕްލްޗޭސް ހިމެނެއެވެ. މީގެ އިތުރުން 5000 އަދި 10000 ރޭސް ވޯކިން އިވެންޓް އޮންނާނެއެވެ.
އެންމެ ފަހުން 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2023 ވަނަ އަހަރު އުޒްބެކިސްތާނުގައެވެ. އެ މުބާރާތުގައި ރާއްޖޭގެ އަހުނާ ނިޒާރާއި ޒިވާ މޫސާ ވަނީ ވާދަކޮށްފައެވެ.