ޖަރުމަން ލީގުގައި ރޭ ބޯކަމްއާ ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިވެއްޖެއެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުން ބަޔާން މިއުނިކް ބަލިވި ނަމަވެސް 61 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ލެވަކޫސަން އަށް ލިބިފައިވަނީ 53 ޕޮއިންޓެވެ. ނަމަވެސް މި މެޗުން މޮޅުވިނަމަ އެ ޓީމަށް އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. ބަޔާން މިއުނިކް އަތުން މޮޅުވި ބޯކަމް އޮތީ 25 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގަ އެވެ.
ބަޔާން މިއުނިކްގެ 125 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީއެއް ލައިގެން ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބަޔާން މިއުނިކް އިންނެވެ.
މި މެޗުގެ 14 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ރަފައެލް ގެރޭރޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ 14 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބަޔާން މިއުނިކަށް މި މެޗުގެ 20 ވަނަ މިނިޓުގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް ސާޖީ ގްނާބްރީ ފޮނުވާލި ޕެނަލްޓީ އަމާޒުވެފައިވަނީ ގޯލުގެ ދަނޑި އަށެވެ. މިއީ މި ސީޒަނުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީއެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނިޓުގައި ބޯކަމްގެ މެޑިޗް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ.
މި މެޗުގައި ބަޔާން މިއުނިކްއަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބޯކަމްގެ މަސޯރަށް އަށް ޖޮއާއޯ ޕަލީންހާ ފައުލް ކުރުމާއި ގުޅިގެން އޭނާއަށް ރެފްރީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
ބަޔާން މިއުނިކް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިއުމުގެ ފައިދާ ނަގާ ބޯކަމް އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިބްރާހިމާ ސިސޯކޯ އެވެ.
މެޗުގެ ނަތީޖާ އެއްވަރުވުމާއިއެކު ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ބެންޗުގައި ހުރި ހެރީ ކޭން ޖަމާލް މުސިއާލާ އާއި ލައިމާގެ އިތުރު ޖޯޝުއާ ކިމިޗް ވަނީ ކުޅެން އަރުވާފަ އެވެ.
މި ބަދަލުތަކާއިއެކު ބަޔާން މިއުނިކްގެ ކުޅުން އިތުރަށް ވަރުގަދަކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރި ނަމަވެސް އެ ޓީމަށް ވަނީ ގޯލެއް ޖެހޭ ގޮތް ނުވެފަ އެވެ.
މި މެޗުން ބޯކަމް މޮޅުވި ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މަޓުސް ބެރޯ އެވެ.
މިއީ މި ސީޒަނުގައި ބަޔާން މިއުނިކް ބަލިވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މެއިންޒް އަތުންނެވެ. އަދި މިއީ ފާއިތުވެދިޔަ 34 އަހަރުގެ ތެރޭގައި ބަޔާން މިއުނިކްގެ ދަނޑުގައި އެ ޓީމުން އަތުން ބޯކަމް މޮޅުވި ފުރަތަމަ ފަހަރެވެ.